
ބޭރުގެ މާލީ އިދާރާތަކުގެ އެހީތެރިކަމާ އެކު ރާއްޖޭގެ ހަތް ރަށެއްގައި ޖުމުލަ 10،900 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީތައް ގާއިމުކުރުމުގެ ބޮޑު މަޝްރޫއެއް ސަރުކާރުން ބާރު ސްޕީޑުގައި ކުރިއަށް އެބަގެންދެއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވާ ގޮތުގައި، އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކާއި، ސައުދީ ޑިވެލޮޕްމެންޓް ފަންޑުގެ އިތުރުން އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގައި ހިންގާ މި މަޝްރޫއުތައް ނިމުމުން، ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށްވާ ދުވަސްވަރު ވެސް މަސް ފިނިކޮށް ރައްކާކޮށްފައި ބެހެއްޓޭނެއެވެ. މީގެ ސަބަބުން، މަސް ގަންނަ ކުންފުނިތަކަށް ގެއްލުން ކުޑަވެ، އަގު އުފުލޭ ދުވަސްވަރު ބޭރުކޮށްގެން ދައުލަތަށާއި މަސްވެރިންނަށް ރަނގަޅު އާމްދަނީއެއް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
މި އިންގިލާބީ މަޝްރޫއުގެ ދަށުން މިއަހަރުގެ ނިޔަލަށް ހަތަރު ރަށެއްގެ ފެސިލިޓީ އޮޕަރޭޝަނަށް ގެނައުމަށް ވަނީ އަމާޒު ހިފާފައެވެ. އެގޮތުން، ޅ. ފެލިވަރުގައި ހަދާ 4،000 ޓަނުގެ ސްޓޯރޭޖުގެ 78 އިންސައްތަ ނިމިފައިވާއިރު، ގއ. ކޫއްޑޫގައި ތަރައްގީކުރާ 4،000 ޓަނުގެ ފެސިލިޓީގެ 25 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. މީގެ އިތުރުން، ގދ. ތިނަދޫގައި އިމާރާތްކުރާ 1،000 ޓަނުގެ ސްޓޯރޭޖުގެ 75 އިންސައްތަ އަދި މ. މުލަކުގައި ގާއިމުކުރާ 500 ޓަނުގެ ސްޓޯރޭޖުގެ 20 އިންސައްތަ މަސައްކަތް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ.
އަންނަ އަހަރާއި އޭގެ ފަހުގެ އަހަރުތަކަށް ތާވަލުކުރެވިފައިވާ މަޝްރޫއުތަކަށް ބަލާއިރު، ހއ. އިހަވަންދޫގައި އަޅާ 1،000 ޓަނުގެ ކޯލްޑް ސްޓޯރޭޖާއި ކަނޑުއޮތްގިރީގައި ހަދާ 200 ޓަނުގެ ފެސިލިޓީގެ އަމަލީ މަސައްކަތް ފެށި، އަންނަ އަހަރަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މިވަގުތު އިހަވަންދޫ މަޝްރޫއުގެ 2 އިންސައްތަ އަދި ކަނޑުއޮތްގިރީގެ 10 އިންސައްތަ ވަނީ ނިމިފައެވެ. މީގެ އިތުރުން ތ. ހިރިލަންދޫގައި ގާއިމުކުރާ 200 ޓަނުގެ ސްޓޯރޭޖުގެ މަސައްކަތުގެ 5 އިންސައްތަ ނިމިފައިވާއިރު، އެތަން އެއްކޮށް ނިންމާލެވޭނެކަމަށް ވުޒާރާއިން ލަފާކުރަނީ 2027ވަނަ އަހަރުގެ ތެރޭގައެވެ.

