
ސަލްޓަން ޕާކްގެ އީ-ސްޕޯރޓްސް އޭރިއާ ގާއިމުކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީ މިއަދު ކުރި އިއުލާނެއްގައި ބުނީ އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް އަންނަ މަހުގެ 15އާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.
އަދި އެ ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުމެއް އަންނަ މަހުގެ ހަވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެ ބީލަން ކުރިއަށްގެންދިއުމަށް ނިންމާފައި ވަނީ ހައުސިން މިނިސްޓްރީގެ “އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު”އާއި ފިނޭންސް މިނިސްޓްރީގެ “ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލު”އާއި އިކޮނޮމިކް މިނިސްޓްރީގެ” ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ”އާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށް ވެސް އިއުލާންގައި ބުނެފައިވެއެވެ.
ސަލްޓަން ޕާކު ވަރަށް ފުރިހަމައަށް ތަރައްގީކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވަރެކެވެ. ރައީސް ވިދާޅުވެފައިވާ ގޮތުން އެތަން ތަރައްގީކުރާނީ އެއް ގަހުން އަނެއް ގަހަށް ދެވޭ ގޮތަށް ވަރަށް ފުރިހަމައަށެވެ.
މިހާރު ސަލްޓަންޕާކު ހުރި ޒަމާނީގޮތަށް އެތަން ތަރައްގީކުރީ ވެސް ރައީސް މުއިއްޒު ހައުސިން މިނިސްޓަރުގެ މަގާމު ފުރުއްވިއިރުއެވެ.

