
މަސްވެރިކަމުގެ ތަމްރީން ޕްރޮގްރާމްތައް ބާއްވަން ބޭނުންވާ ރަށްރަށުން އެ ކަމަށް އެދި ހުށަހެޅުމަށް ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި މި ތަމްރީންތައް ހިންގުމަށް ޝައުގުވެރިވާ ރަށު ކައުންސިލްތަކުން އެ ކަމަށް އެދި އަންނަ މަހުގެ 15 ވަނަ ދުވަހު އޮފީސް ބަންދުވުމުގެ ކުރިން އެ ރަށެއްގައި ކުރިއަށް ގެންދިއުމަށް ޝައުގުވެރިވާ ތަމްރީނު ފާހަގަކޮށް އެ މިނިސްޓްރީއަށް ސިޓީ މެދުވެރިކޮށް ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ އެ ތަމްރީނު ޕްރޮގްރާމްތައް އެ މިނިސްޓްރީން ކުރިއަށް ގެންދާނީ ރަށު ކައުންސިލްތަކާ ގުޅިގެން ކަމަށެވެ. އެ ގޮތުން މި އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތުތި ބޯވަދިލަމަހުގެ މަސްވެރިކަމުގެ ތަމްރީން ޕްރޮގްރާމާއި އަގު އެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމުގެ ތަމްރީން ޕްރޮގްރާމް ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
އެ ޕްރޮގްރާމްތަކުގެ މަގުސަދަކީ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން އަހުލުވެރިކުރުވުމާއި އަދި މަހާއި މަހުގެ އަގުއެއްކުރި އުފެއްދުން އިތުރުކުރުމާއި އިތުރު މާކެޓްތަކަށް ހޯދުމާއި އަދި އާމަސްވެރިކަން ތައާރަފްކޮށް އެކަން މަސްވެރިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ދަސްކޮށްދިނުމެވެ. އަދި މަސްވެރި ސިނާއަތުގައި ކަނބަލުންގެ ހިއްސާ އިތުރުކޮށް ރަށުފެންވަރުގައި މަސްވެރި އުފެއްދުންތައް މިހާރަށްވުރެ ފެންވަރުރަނގަޅުކޮށް ތައްޔާރުކުރުމާއި އާބާތްތައް ތައްޔާރުކުރުމަށް ތަމްރީނުދީ އަހުލުވެރިކުރުވުމަކީ ވެސް މަގުސަދެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

