
ރަސްމާލޭގެ ދަތުރުފަތުރުގެ މާސްޓާޕްލޭންގެ ފީސިބިލިޓީ ސްޓާޑީ ހަދައިދޭނެ ކޮންސަލްޓެންޓެއް ހޯދަން މިއަދު އިއުލާންކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ކޮންސަލްޓެންސީގެ މައިގަނޑު މަގުސަދަކީ ރަސްމާލެއަށް ފުރިހަމަ ދަތުރުފަތުރުގެ މާސްޓަރ ޕްލޭނެއް އެކުލަވައިލުން ކަމަށެވެ. އަދި އޭގެ މައިގަނޑު އެއް އަމާޒަކީ ވެރިކަންކުރާ ރަށާއި ރަސްމާލެއާ ދެމެދު، އަދި ރަށުގެ އެތެރޭގައިވެސް ރައްކާތެރި، އިތުބާރު ހިފޭ އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެހެންވެ އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 24ގެ ކުރިން، “އެކްސްޕްރެޝަން އޮފް އިންޓަރެސްޓް” ހުށަހަޅަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. އަދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިްނ ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު ދޭނެ ކަމަށް ވެސް ބުންޏެވެ.
2023ވަނަ އަހަރުގެ ޑިސެމްބަރު މަހު ރަސްމާލެ މަޝްރޫއު ފަށައި ހިއްކަން ފެށި ނަމަވެސް އެ މަޝްރޫއު އޮތީ ވަރަށް ބޮޑަށް މަޑުޖެހިފައެވެ. ނަމަވެސް އެ މަސައްކަތަށް މިހާރު ދުނިޔޭގެ އެންމެ ބޮޑު އެއް ޑުރެޖަރު ގެނެސް ވަނީ މަސައްކަތް ތިން ގުނަ އަވަސްކޮށްފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފަހުން ވިދާޅުވީ ރަސްމާލެ ހިއްކުން އަންނަ އަހަރު ކުރީކޮޅު ނިމެނޭ ކަމަށެވެ. އަދި އެތަން ހިއްކައި ނިމެންވާ އިރު 15،000 ގޯތި ދޭނެ ފަރާތް ކަނޑައަޅައި ނިންމޭތޯ ވެސް ބަލަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މި ހިނގާ ވެރިކަމުގައި ރަސްމާލޭގައި އިންފްރާސްޓްރަކްޗަރ ވެސް ގާއިމުކުރަން ބޭނުންވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރަސްމާލެ މަޝްރޫއުގެ ދަށުން 1153 ހެކްޓަރު ހިއްކަން ސަރުކާރުން އޮތީ ނިންމައިފަ އެވެ.

