
އިސްލާމް ދީނުގެ ހުދޫދުގެ ތެރޭގައި ރާއްޖޭގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ފުރިހަމައަށް އޮންނާނެ ކަމަށާއި، އެ ހުދޫދުން ބޭރުވާ މީހުން ދާންވީ އެހެން ގައުމަކަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރޭ ބޭއްވި ޕީއެންސީގެ ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ޝަރީއަތުގައި ކަނޑައަޅާފައިވާ ހުދޫދުގެ ބޭރުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަން ދިވެހިން ބޭނުން ނުވާކަމަށާއި އެކަމަށް ރާއްޖޭގައި ފުރުސަތު ދެވެން ވެސް ނެތް ކަމަށެވެ.
“ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނާނެ. އެކަމަކު އިސްލާމީ ހުދޫދުގެ ތެރޭގައި. އެ ހުދޫދުގެ ބޭނުން ހިޔާލުފާޅުކުރަންޏާ އެހެން ގައުމަކަށް ދާން ޖެހޭނީ. ފަރަންޖީ ކޮންމެ ތަނަކުން ކިތަންމެ ބަޔާނެއް ނެރުނަސް ފަރުވާލެއް ނެތް،” ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އިސްލާމް ދީނުގެ އެންމެ ބޮޑު ހައްގަކީ އަބުރުގެ ހައްކު ކަމަށާއި، އެ ހައްގު ދިނުމުގައި އެއްވެސް މީހަކަށް ތަފާތު ނުކުރާނެ ކަމަށެވެ. އަދި، މި ސަރުކާރުން ރައްޔިތުންގެ ހައްގު ފުޅާކޮށްދޭން ކަމަށާއި، “ހަމަ ކޮންމެ މީހަކު ރެޔާ ދުވާލު 24 ގަޑިއިރު އެއްވެގެން ތިބެންވީ” ކަމަށެވެ.
“ކޮންމެ މީހެއްގެ ވެސް އަބުރާއި އިއްޒަތެއް އޮންނާނެ. ކޮންމެ މީހެއްގެ ވެސް ހައްގުތަކެއް އެބައޮތް، ކަރާމާތެއް އެބައޮތް، އިންސާނީ ކަރާމާތް. އެ ވެއްޔާ މޮޑެލުމުގެ ފުރުސަތެއް މި ސަރުކާރަކުން ނުދޭނަން،” ރައީސް ވިދާޅުވި އެވެ.
ކުރީގައި ހުއްދަ ނުހޯދައި އެއްވެވޭނެ ތަނަކަށް އޮތީ ކާނިވާ ސަރަހައްދު އެކަނި ކަމަށާއި، ނަމަބެސް އިތުރު ހަތަރު ސަރަހެއް މިހާރު އޭގައި ހިމަނާފައިވާ ކަމަށް ވެސް ރައީސް ފާހަގަކުރެއްވި އެވެ. ނަމަވެސް ސަރުކާރާ ދެކޮޅު ބަޔަކު ތަނަކަށް އެއްވާ ތަނެއް ވެސް ނުފެންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
އިސްލާމީ ހުދޫދުގެ ތެރެއިން ހިޔާލު ފާޅުކޮށްގެން މީހަކު އަޅާނުލާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

