ރާއްޖެއާ އިންޑިއާގެ ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އާ އުސްމިންތަކަކަށް ގެންދެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އަބްދުއްރަހީމްއާ މިއަދު ވަނީ ބައްދަލުކުރައްވާފަ އެވެ.
އެ ބައްދަލުކުރެއްވުމަށް ފަހު ދިވެހި ބަހުން މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ރައީސްއާ އެކު ބޭއްވި ބައްދަލުވުމުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ފުން އެކުވެރިކަމުގެ ގުޅުމުގެ ވާހަކަ ދެކެވުނު ކަމަށެވެ.
އޭގެތެރޭގައި ދެގައުމުގެ މަޖިލީހުގެ މެދުގައި އޮތް ގާތް ގުޅުން ހިމެނޭ ކަމަށާއި، 20 ވަނަ މަޖިލީހުގައި އިންޑިއާ-މޯލްޑިވްސް ޕާލަމެންޓްރީ ފްރެންޑްޝިޕް ގްރޫޕް އުފެދިފައިވާކަމީ ދެގައުމުގެ ގުޅުމަށް އެޅޭ ރަނގަޅު ފިޔަވަޅެއް ކަމަށް މޯދީ ވިދާޅުވި އެވެ.
މޯދީ ދިވެހި ބަހުން ކުރެއްވި ޓްވީޓަށް ހިންދީ ބަހުން ރިޕަލައި ދެއްވައި އަބްދުއްރަހީމް ވަނީ އިންޑިއާއިން އަބަދުވެސް ދެމުންދާ އަހަންމިއްޔަތަށްޓަކައި ޝުކުރު އަދާކޮށްފަ އެވެ.
“ޕާލަމެންޓްރީ ފްރެންޑްޝިޕް ގްރޫޕް އުފެއްދުމަކީ މާނަހުރި މަސައްކަތެއް، ކުރިއަށް އޮތް އަހަރުތަކުގައި މި ޕާޓްނާޝިޕް އިތުރު އުސްމިންތަކަކަށް ގެންދެވޭނެ ކަމުގެ އުއްމީދު އެބައޮތް” އަބްދުއްރަހީމްގެ ޕޯސްޓުގައި ވިދާޅުވި އެވެ.