ރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި، ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު، ދިވެހި ސިފައިންނާއި ދިވެހި ފުލުހުންނާ ބައްދަލުކުރައްވައިފި އެވެ.
ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު އޮތް މި ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމާއެކު، އެމަނިކުފާނަށް މަރްހަބާ ވިދާޅުވީ، ޑިފެންސު މިނިސްޓަރު މުހައްމަދު ގައްސާން މައުމޫނާއި، ހޯމް މިނިސްޓަރު އަލީ އިހްސާނާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ، އަދި ޕޮލީސް ކޮމިޝަނާ އިސްމާއިލް ނަވީން އެވެ. މި ރަސްމިއްޔާތަށް ވަޑައިގެންނެވުމުން، ރައީސްގެ ޝަރަފުގައި، އެމަނިކުފާނަށް ޝަރަފުގެ ގާޑެއްވެސް ވަނީ އަރުވާފަ އެވެ.
އެ ރަސްމިއްޔާތުގައި ރައީސް ވަނީ، ސިފައިންގެ ތެރެއިން ދިގުމުއްދަތެއްގައި ހިދުމަތް ކުރުމުގެ މެޑެއްޔާއި، މަތިވެރި ހިދުމަތުގެ މެޑެލި އަދި ރައީސްގެ މެޑެލި ލިބިވަޑައިގެންނެވި އަސްކަރީންނަށް މެޑެލި ހަވާލުކޮށްދެއްވާފަ އެވެ. އަދި ފުލުހުންގެ ތެރެއިން ރައީސްގެ މެޑެއްޔާއި މަތިވެރި ހިދުމަތުގެ މެޑެލި ލިބިވަޑައިގެންނެވި ފުލުހުންނަށްވެސް އެމަނިކުފާނު ވަނީ މެޑެލި ހަވާލުކޮށްދެއްވާފަ އެވެ.
މެޑެލި ހަވާލުކޮށްދެއްވުމަށްފަހު ރައީސް ދެއްކެވި ވާހަކަފުޅުގައި، ދިވެހި ސިފައިންނާއި ފުލުހުންނަށްޓަކައި އަދުގެ ސަރުކާރުން ކޮށްދޭންޖެހޭ ކަމެއް، ފަހުރުވެރިކަމާއެކު ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވި އެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި ސުލްޙަމަސަލަސްކަން ދެމެހެއްޓުމުގައި ދިވެހި ސިފައިންނާއި ފުލުހުން އަދާކުރަމުންދާ ހިދުމަތުގެ އަގު ވަޒަން ކުރައްވައި، އެކަން ފާހަގަކުރެއްވި އެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ، އަދި ޕޮލީސް ކޮމިޝަނާ އިސްމާއީލް ނަވީންވެސް އެ ރަސްމިއްޔާތުގައި ވާހަކަ ދެއްކެވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި، ދިވެހި ސިފައިންނާއި ފުލުހުންގެ އިސްވެރިންގެ އިތުރުން، ގިނަ އަދަދެއްގެ އަސްކަރީންނާއި ފުލުހުން ބައިވެރިވެވަޑައިގެންނެވި އެވެ.