ކުރީގެ ރައީސް މުހައްމަދު ނަޝީދު އަކީ ރާއްޖެއާ އިންޑިއާގެ އެކުވެރިކަމަށް ވަރުގަދައަށް ވަކާލާތު ކުރައްވާ ބޭފުޅެއް ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ.
ނަޝީދުއާ އެކު ބޭއްވި ބައްދަލުވުމުގެ ފޮޓޯއެއް “އެކްސް” ގައި ހިއްސާކުރައްވާ މޯދީ ނަޝީދުއާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި އިންޑިއާގެ ‘ނެއިބަހުޑް ފަސްޓް’ ސިޔާސަތާއި މަހާސާގަރުގެ ތަސައްވުރުގެ އަގުހުރި ތަނބެއްގެ ގޮތުގައި އަބަދުވެސް ރާއްޖެ އޮންނަ އޮތުމާ ބެހޭގޮތުން ވާހަކަ ދެކެވުނު ކަމަށެވެ.
ނަޝީދު އަކީ އަބަދުވެސް އިންޑިއާ އާއި ދިވެހިރާއްޖޭގެ އެކުވެރިކަމަށް ވަރުގަދައަށް ވަކާލާތު ކުރައްވާބޭފުޅެއް.
އިންޑިއާއިން ރާއްޖެއަށް ކެޕޭސިޓީ ބިލްޑިން އާއި ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ދާއިރާ މެދުވެރިކޮށް އެއްބާރުލުން ފޯރުކޮށްދެމުން ގެންދަވާނެ ކަމަށް މޯދީ ވިދާޅުވި އެވެ.
މޯދީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ރާއްޖެއާ އިންޑިއާއާ ދެމެދު އޮންނަ ގާތް ގުޅުން ވަރަށް ބޮޑަށް ފާހަގަކުރައްވާފަ އެވެ. އިއްޔެ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު ރައީސް އޮފީހުގައި ބޭއްވި ޖޮއިންޓް ޕްރެސްކޮންފަރެންސެއްގައި މޯދީ ވިދާޅުވީ ދެ ގައުމުގެ ދެމެދު އޮންނަނީ ލިޔެފައިވާ ތާރިހަށްވުރެވެސް ދޮށި ގުޅުމެއް ކަަމަށެވެ.
މޯދީ ވިދާޅުވީ ރާއްޖެ އިން އެންމެ އިތުބާރުކުރާ ގައުމަށް އިންޑިއާވުމަކީ ލިބިވަޑައިގަންނަވާ ފަހުރެއްކަމަށް ކަމަށެވެ. އަދި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށް ދިނުމުގައި އިންޑިއާ ދެމިއޮންނާނެ ކަމަށް މޯދީ ވިދާޅުވި އެވެ.