ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދައުވަތަކަށް، އެ ގައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފި އެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމާމެދު، ސިންގަޕޫރުގެ ރައީސް ޝަންމުގަރަނަމް އާއި ބޮޑުވަޒީރު ލޯރެންސް ވޮންގާއާއެކު މަޝްވަރާތައް ކުރިއަށްގެންދަވާފަ އެވެ. މި ދަތުރުފުޅުގައި، އެއް ގައުމުން އަނެއްގައުމަށް އެއްބާރުލުން ދިނުމާ ގުޅުންހުރި ފަހުމުނާމާތަކާއި އެއްބަސްވުންތަކުގައި ވަނީ ސޮއިކުރައްވާފަ އެވެ.
އެގޮތުން، ގާބިލުކަން އިތުރުކުރުމުގެ ދާއިރާއިންނާއި، ތިމާވެށީގެ ތަރައްގީގެ ދާއިރާއިންނާއި، ތައުލީމީ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅުންހުރި ފަހުމުނާމާތަކުގައި ވަނީ ސޮއިކުރައްވާފަ އެވެ. މީގެ އިތުރުން، ސިންގަޕޯ ކޯޕަރޭޝަން އެންޓަޕްރައިޒާ އެކު ފަހުމުނާމާއެއްގައި ސޮއިކުރައްވާފައިވެ އެވެ. އަދި ރެޒިޑެންސީ ބައި އިންވެސްޓްމަންޓް ޕްރޮގްރާމާ ގުޅޭގޮތުން ދިވެހި ސަރުކާރާއި ހެންލީ އެންޑް ޕާޓްނާސްއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރައްވައި، ޕްރޮޖެކްޓް ސޯލާ ސިޓީ އިންވެސްޓްމަންޓާ ގުޅޭގޮތުން ދިވެހި ސަރުކާރާއި އޭޕީއެމް އެސްޕީވީ ޕްރައިވެޓް ލިމިޓެޑާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފަ އެވެ.
2025 ވަނަ އަހަރަކީ ދިވެހިރާއްޖެ އާއި ސިންގަޕޫރާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރާ އަހަރުކަމަށް ވާތީ، ދެ ގައުމުގެ 50 އަހަރުވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެކުލަވާލައްވާފައިވާ ހާއްސަ ފޮތެއް، ރައީސް ވަނީ، ސިންގަޕޫރުގެ ރައީސަށް ހަދިޔާކުރައްވާފަ އެވެ. އަދި ރައީސް މުއިއްޒު އާއި ރައީސް ތަރްމަން ޝަންމުގަރަނަމް ވަނީ، މި މުނާސަބަތާ ގުޅޭ ހަނދާނީ ސްޓޭމްޕް އިފްތިތާހުކޮށްދެއްވާފަ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި މޯލްޑިވްސް- ސިންގަޕޯ ބިޒްނަސް ފޯރަމްގައި ދިވެހި ސަރުކާރުން ވަނީ، ދެ ގައުމުގެ ގުޅުން ހަރުދަނާކުރުމަށް މުހިންމު މަސައްކަތްތަކެއް ކޮށްދެއްވި ވަކިވަކި ފަރުދުންނާއި ޖަމުއިއްޔާ ޖަމާޢަތްތަކުގެ އަގުވަޒަންކުރައްވައި އެ ފަރާތްތަކަށް ހަނދާނީ ފިލާ ދެއްވާފަ އެވެ. އެ ފޯރަމްގައި ވަނީ، 2040 ވަނަ އަހަރަށް ދިވެހި ސަރުކާރުން ދެކޭ ތަސައްވުރާ ގުޅުންހުރި ވުނަކުރުމުގެ ފުރުސަތުތައްވެސް ހިއްސާކުރައްވާފަ އެވެ.
މި ދަތުރުފުޅުގައި، ސިންގަޕޫރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާވެސް ރައީސްގެ ދެކަނބަލުން ބައްދަލުކުރައްވާފައިވެ އެވެ. އަދި މި ދަތުރުފުޅުގައި، އެ ގައުމުގެ އިންސްޓިޓިއުޓް އޮފް ޓެކްނިކަލް އެޑިއުކޭޝަނާއި އަރބަން ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި، ޓުއަސް ޕޯޓާއި، ޕްރާނަކަން ދާރުލްއާސާރާއި، ސިންގަޕޯ ފުޑް އޭޖެންސީއަށް ޒިޔާރަތްކުރެއްވި އެވެ.