ސިންގަޕޫރުގައި ތިބި ދިވެހިންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައްދަލުކުރައްވައިފި އެވެ.
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި އެ ގައުމަށް ރައީސް ވަޑައިގެންފައި ވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ.
ރައީސް އޮފީހުން ބުނީ ދަތުރުފުޅުގެ ތެރެއިން ރައީސްގެ ދެކަނބަލުން ސިންގަޕޫރުގައި ތިބި ދިވެހިންނާ އިއްޔެ ބައްދަލުކުރައްވާފައިވާ ކަމަށެވެ.
ބައްދަލުކުރެއްވުމުގައި ދިވެހިންނާ އެކު ވަގުތުކޮޅެއް ހޭދަކުރައްވައި، އެ ފަރާތްތަކުގެ ހާލުއަހުވާލު ބައްލަވައިލައްވާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ. އަދި އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވާފައިވާ ކަމުގައި ފާހަގަކުރި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ބައްދަލުކުރެއްވުމުގެ ބައިވެރިންނަށް ރައީސްގެ ދެކަނބަލުން ފަރިއްކޮޅެއް ދެއްވި ކަމުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުން#MaldivesSingapore pic.twitter.com/KzPDYMj01c
— The President's Office (@presidencymv) July 1, 2025
ރައީސްގެ ދަތުރުފުޅުގައި ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޮންގް އާ ވަނީ ބައްދަލުކުރައްވާފަ އެވެ.
މި އަހަރަކީ ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރޭ އަހަރެވެ. ދެ ގައުމުގެ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 1975 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު އެވެ.