ހަލާލް ޓޫރިޒަމަށް ވަކި ރަށްތަކެއް ތަރައްގީކުރަން ކަނޑައަޅައި އެކަމަށް އިންވެސްޓްކުރާ ފަރާތްތަކަށް ހާއްސަ ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު އެކަން އިއުލާނު ކުރެއްވީ މިއަދު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތަކީ މުޅި ދުނިޔެއަށް މިސާލެއް ކަމަށެވެ. އެހެން ގައުމުތަކުން ދެމެހެއްޓެނެވި ޓޫރިޒަމް ސިނާއަތެއް ތަރައްގީކުރަން މިސާލެއްގެ ގޮތުގައި ދެކެނީ ރާއްޖެ ކަމަށެވެ.
ސަރުކާރުން މިހާރު ބޭނުން ވަނީ ހަލާލް ޓޫރިޒަމްގެ އެއް ވަނަ މަންޒިލެއްގެ ގޮތުގައި ރާއްޖެ ހެދުމަށް ކަމުގައި ރައީސް ފާހަގަކުރެއްވި އެވެ.
އެކަން ކުރުމަށް ހަލާލް ޓޫރިޒަމަށް ހާއްސަކޮށް ވަކި ރަށްތަކެއް ކަނޑައެޅޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ ރަށްތަކަށް އިންވެސްޓްކުރާ ފަރާތްތަކަށް ހާއްސަ ލުއިތަކެއް ދިނުމަށް ނިންމާފައިވާކަން ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ އަންނަ ހަފުތާގައި ޓޫރިޒަމް މިނިސްޓްރީން ކަމާ ގުޅޭ ތަފުސީލުތައް އާންމުކުރާނެ ކަމަށެވެ.