ފައިނޭންސިން ފޯ ޑިވެލޮޕްމަންޓުގެ ހަތަރު ވަނަ ބައިނަލްއަގުވާމީ ކޮންފަރެންސް (އެފްއެފްޑީ 4) ގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ސްޕެއިނަށް ފުރާވަޑައިގެންފި އެވެ.
އެފްއެފްޑީ 4 އަކީ މާލީ އިސްލާހާ މެދު މަތީ ފަންތީގެ މަޝްވަރާތައް ކުރުމަށް ސަރުކާރުތަކާއި ބައިނަލްއަގުވާމީ އަދި ސަރަހައްދީ ޖަމިއްޔާތަކާއި މާލީ އަދި ވިޔަފާރީގެ މުއައްސަސާތަކާއި ވިޔަފާރިތަކާއި މަދަނީ ޖަމާއަތްތަކާއި އދ. ގެ ގުނަވަންތައް އެއްފުރާޅެއްގެ ދަށަށް ގެނެސްދޭ މުހިންމު މަންސައެކެވެ.
މި ކޮންފަރެންސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 30 އިން އަންނަ ޖުލައި މަހުގެ 3 އަށް ސްޕެއިންގެ ސެވިލްގަ އެވެ.
ރައީސް އޮފީހުން ބުނީ ކޮންފަރެންސްގެ އިފުތިތާހީ ދަންފަޅީގައި ބައިވެރިވެވަޑައިގެން، ޕްލެނަރީ ބައްދަލުވުމުގައި ނައިބު ރައީސް ބަޔާނެއް އިއްވެވުމަށް ތާވަލުކުރެވިފައިވާ ކަމަށެވެ. އޭގެ އިތުރުން މަސްލަހަތުވެރިންނާ އެކު ބާއްވާ ސިންތާތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެން، މާލީ އިސްލާހުގެ ރޮނގުން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
މިފަދަ މަންސަތަކުގައި ދަރަނި އަދާކުރުމުގެ ދެމެހެއްޓެނިވި އުސޫލުތަކުގެ މައްޗަށާއި މާލީ ނިޒާމުގައި ޝާމިލުކަން ކަށަވަރު ކުރުމުގެ މައްޗަށް ނައިބު ރައީސް މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ރާއްޖޭގެ އިސްނެގުމުގެ މަތިން ކޮންފަރެންސްގެ ހަވާސާގައި ބާއްވާ ހަރަކާތްތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާނެކަން އެ އޮފީހުން ފާހަގަކުރި އެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.
ފައިނޭންސިން ފޯ ޑިވެލޮޕްމަންޓުގެ ތިން ވަނަ ބައިނަލްއަގުވާމީ ކޮންފަރެންސް 2015 ވަނަ އަހަރު ބާއްވާފައި ވަނީ އިތިއޯޕިއާގެ އަޑިސް އަބަބާގަ އެވެ