ގަވާއިދާ ހިލާފަށް އައްޑޫ ސިޓީގައި އުޅޭ ބިދޭސީން ގާނޫނީ މަގަށް އެޅުވުމަށް “އޮޕަރޭޝަން ހަމަމަގު” ގެ ނަމުގައި އެ ސިޓީގައި ހާއްސަ ރެއިޑު އޮޕަރޭޝަނެއް މޯލްޑިވްސް އިމިގްރޭޝަނުން ފަށައިފި އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރަން ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހާއްސަކޮށްގެން ރެއިޑު އޮޕަރޭޝަންތައް ދަނީ ހިންގަމުންނެވެ.
އެގޮތުން އައްޑޫއަށް ހާއްސަކޮށް ކުރިއަށް ގެންދާ މި އަހަރުގެ އެންމެ ބޮޑު އެއް ރެއިޑު، “އޮޕަރޭޝަން ހަމަމަގު” މިއަދު ވަނީ ފަށާފަ އެވެ.
އިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަނަކީ ގަވާއިދާ ހިލާފަށް އައްޑޫގައި އުޅޭ ބިދޭސީން ގާނޫނީ މަގަށް އެޅުވުމަށް ކުރެވޭ ހާއްސަ މަސައްކަތެެއް ކަމަށެވެ. އައްޑޫއަކީ އާބާދީ ބޮޑު އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވަމުން އަންނަ ތަނެއް ކަމަށާއި މި ރެއިޑު އޮޕަރޭޝަން ކުރިއަށް ގެންދަނީ މުޅި އެ ސިޓީއަށް އަމާޒުކޮށްގެން ކަމަށެވެ.

ޓާސްކް ފޯހުން ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަނާއި އައްޑޫ އިމިގްރޭޝަން އޮފީހުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުން ހިމެނޭހެން ޖުމްލަ 35 އޮފިސަރުން ބައިވެރިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އަދި އައްޑޫގައި ތިބޭ ފުލުހުންނާއި އައްޑޫ ސިޓީ ކައުންސިލް މެމްބަރުން ވެސް އޮޕަރޭޝަނުގައި ބައިވެރިވާކަން ފާހަގަކުރި އެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި ހެނދުނުން ފެށިގެން އިރުއޮއްސުމާ ހަމައަށް ކުރިއަށް ގެންދާ މި ރެއިޑު އޮޕަރޭޝަނުގައި ގަވާއިދާ ހިލާފަށް އައްޑޫގައި މަސައްކަތް ކުރަމުންދާ ބިދޭސީން ރާއްޖެއިން ފުރުވާލުމަށް އެ އިދާރާގެ ބެލުމުގެ ދަށަށް މާލޭގެ ޑިޓެންޝަން ސެންޓަރަށް ގެނެވޭނެ ކަމުގަ އެވެ. އަދި މިފަދަ ބިދޭސީން ލައްވައި މަސައްކަތް ކުރުވާ ދިވެހިންނަށް ނޯޓިސް ދެވޭނެ ކަމުގަ އެވެ.

އެ އިދާރާގެ މަގުސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގައި މިފަދަ އޮޕަރޭޝަންތައް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފުޅާކޮށް، ދީފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަނެ، އެ ފަރާތްތަކަށް އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުން ކަމުގައި އިމިގްރޭޝަނުން ބުންޏެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން 151،694 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނެގި ޑޭޓާބޭސް އަދާހަމަކޮށްފައިވާ ކަމަށް މިފަހުން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހްސާން ވަނީ ވިދާޅުވެފަ އެވެ.