ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް ރ. އަތޮޅުގައި ރަސްމީކޮށް ފެށުމަށް ތައްޔާރުވެއްޖެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިއީ އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވާކްގެ ދަށުން، “ޒޯން 2” ގައި ހިމެނޭ ރ. އަތޮޅަށް މި ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރިއަށް ގެންދަވާ މުހިންމު މަޝްރޫއެއް ކަމަށެވެ.މި ހިދުމަތް ފެށުމުގެ ގޮތުން، ރ. އަތޮޅުގެ ރައްޔިތުންނަށް އާރްޓީއެލްގެ ދަތުރުތަކަށް އަހުލުވެރިވުމުގެ ފުރުސަތު ދިނުމަށްޓަކައި، މި އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 02 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ ދަތުރުތައް ކުރިއަށް ގެންދާނެ އެވެ.
އެ ދަތުރުތަކަށް ފަހު، މި އަހަރުގެ ޖުލައި މަހުގެ 03 ވަނަ ދުވަހުން ފެށިގެން، އާރްޓީއެލް ފެރީގެ ދަތުރުތައް ކުރިއަށް ގެންދާނީ ޓިކެޓް ނަގައިގެންނެވެ. ފަސޭހަކަމާއިއެކު ޓިކެޓް ބޭނުންވާ ކަސްޓަމަރުންނަށް އާރްޓީއެލްގެ ވެބްސައިޓާއި، މޯބައިލް އެޕް މެދުވެރިކޮށް، ފަސޭހަކަމާއެކު ޓިކެޓް ބައްލަވައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ.
މަޝްރޫއުގެ ދަށުން، ޒޯން 2 ގައި ހިމެނޭ ޅ. އަތޮޅާއި، ނ. އަތޮޅުގައި މިހާރުވެސް މި ހިދުމަތް ފޯރުކޮށްދެމުންދާއިރު، ރ. އަތޮޅުގައި މި ހިދުމަތް ފެށުމާއެކު ރާއްޖޭގެ 10 އަތޮޅެއްގައި އާރްޓީއެލް ފެރީގެ ހިދުމަތް ކުރިއަށްދާނެ އެވެ. އާރްޓީއެލްގެ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ އެވެ. މި މަޝްރޫއުއަކީ މުޅި ރާއްޖެ ތިން ފޭސްއަކަށް ބަހާލައިގެން، 6 ޒޯންއަކަށް ރާއްޖޭގެ އަތޮޅުތައް ބަހާލައިގެން ކުރިއަށް ގެންދާ ގައުމީ ދަތުރުފަތުރުގެ މަޝްރޫއުކެވެ.
މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ލުއިފަސޭހަ ކަމާއެކު ކުޑަ އަގެއްގައި، އަރާމުގައި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެގޮތް މަގުފަހި ކުރުމާއި، އިގްތިސާދީ އަދި އިޖުތިމާއީ ގޮތުންވެސް ފައިދާހުރި ނިޒާމެއް ގާއިމްކުރުމެވެ.