އެމްޑީޕީއާއި އެ ޕާޓީން ވަކިވެ ޑިމޮކްރެޓްސް ހެދި ބޭފުންނާ ހިތުގައި އުދާސްތަކެއް އޮތަސް މިހާރު ސިޔާސީ ގޮތުން ތަސައްރަފު ފުދިފައިވާކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއާއި ޑިމޮކްރެޓްސްގެ ބޭފުޅުން އަލުން އެމްޑީޕީއާ ގުޅުމަށް މިރޭ ބޭއްވި ހަފްލާގައި ފައްޔާޒް ވިދާޅުވީ ކުރިން އެ ބޭފުޅުން ވަކިވެގެން ދިއުމަކީ އެމްޑީޕީއަށް ލިބުނު ހީނަރުކަމެއް ކަމަށެވެ.
އެހެން ނަަމަވެސް އަލުން އެމްޑީޕީ އެކަތިގަނޑަކަށް ވުމުން މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ މުސީބާތުގެ ވެރިކަމުން ސަލާމަތްވާނެކަމުގެ އުއްމީދު ރައްޔިތުންނަށް ލިބިފައިވާކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ އަލުން ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅެން ނިންމުމަކީ ގައުމުގެ ހައްގުގައި ނިންމި ވަރަށް މުހިންމު ނިންމުމެއް ކަމަށެެވެ.
“އަޅުގަނޑުމެން ހިތުގައި އުދާސްތަކެއް ހުރި ކަމުގައިވީ ނަމަވެސް މި ނިންމުން ނިންމަން ކެރުމަކީ އަޅުގަނޑުމެންގެ ސިޔާސީ ތަސައްރަފު ފުދިފައި އޮތްކަން ސާފުކޮށް ފެންނަން އޮތް ކަމެއް. އަޅުގަނޑުގެ އުއްމީދަކީ އަޅުގަނޑުމެން އެކުގައި މަސައްކަތްކޮށް އެކުގައި ގަދަކޮށް މި ސަރުކާރު ބަލިކުރުން” ފައްޔާޒް ވިދާޅުވި އެވެ.
މި ސަރުކާރުން ލާމަރުކަޒީ ނިޒާމް ފުނޑާލަމުންދާކަން ފާހަގަކުރައްވައި ފައްޔާޒް ވިދާޅުވީ އެގޮތަށް އެކަން ވާން ދޫކޮށް ނުލެވޭނެ ކަމަށާއި އެހެންވެ އަޅުގަނޑުމެން އެންމެން އެކުގައި ނުކުމެ ބޮޑުތަނުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރަން ޖެހޭ ކަމަށެވެ.
“އަޅުގަނޑަށް ޔަގީން ވަނީ އަޅުގަނޑުމެންގެ ސަފުތައް އަލުން ރުކުރުވާލުމާ އެއްކޮށް ފަސޭހަކަމާއެކު އިރާދަކުރެއްވިއްޔާމު ލޯކަލް ކައުންސިލް އިންތިހާބު ވެސް އަދި އެހެން އިންތިހާބުވެސް ކާމިޔަބު ކުރެވޭނެކަމަށް” ފައްޔާޒް ވިދާޅުވި އެވެ.