ސާނަވީ އަދި މަތީ ސާނަވީ ނިންމި އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން “މަތީ އަރުތަވެރީންގެ އިނާމު 2024” ދިނުމުގެ ރަސްމިއްޔާތުގައި 1،800 އަށް ވުރެ ގިނަ ދަރިވަރުން އަރުތަވެރިންގެ އިނާމު ހާސިލުކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ 2023 އަދި 2024 ވަނަ އަހަރުގެ ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް މަތީ އަރުތަވެރިންގެ އިނާމު ދިނުމަށް ބާއްވާ ރަސްމިއްޔާތު ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
ފަސް ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެ ރަސްމިއްޔާތު އޮންނާނީ ސޯޝަލް ސެންޓަރުގަ އެވެ.
އެ ރަސްމިއްޔާތުގައި އޯލެވެލް އަދި އޭލެވެލްއިން އެއް ވަނަ ހޯދާ ދަރިވަރުންނަށް ރައީސް ދެއްވާ އިނާމާއި އޭލެވެލްއިން އެއް ވަނަ ހޯދާ ދަރިވަރުންނަށް ރައީސް ދެއްވާ ސްކޮލާޝިޕްގެ އިތުރުން އޭ ފާސް ނުވަތަ އެއަށް ވުރެ މަތިން ހޯދާ ދަރިވަރުންނަށް ދެވޭ ހައި އެޗީވާސް ސްކޮލާޝިޕް ހަވާލުކުރުން އޮންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
ސާނަވީ އަދި މަތީ ސާނަވީ ނިންމި އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން، 1،800 އަށް ވުރެ ގިނަ ދަރިވަރުން އެ ރަސްމިއްޔާތުގައި މަތީ އަރުތަވެރިންގެ އިނާމު ހާސިލުކުރާނެކަން އެ މިނިސްޓްރީން ފާހަގަކުރި އެވެ.