ރާއްޖެއަކީ ޖަޒީރާ ގައުމަކަށްވާއިރު، ސަގާފަތާއި އާދަކާދައިގެ ތެރެއިން ހާއްސަ މުނާސަބަތުތައް ފާހަގަކުރުމުގައި އެކި ރަށްރަށުގައި އަމަލުކުރާ ގޮތުގައި ތަފާތުތަކެއް ހުރެ އެވެ.
އަޟްހާ އީދު ފާހަގަކުރުމަށް ތ. ކިނބިދޫގައި އަޅާ “ބޮޑު ކުނބުސް” އަކީ އެ ރަށަށް ހާއްސަ، ރަށުގެ ސަގާފަތް ދައްކުވައިދޭ އެއްޗެކެވެ.
ކުނބުސްއަކީ ފުށާއި މާމުޔާއި ހަކުރާ އަދި ކާށި ކިރު ފަދަ ބާވަތްތައް ބޭނުންކޮށްގެން ތައްޔާރުކުރާ މެޓާގަނޑެކެވެ. އެ މެޓާގަނޑު އެޅުމަށް އެކަމަށް ހާއްސަކޮށްފައިވާ ވަކި ސަރަހައްދަކަށް ރަށުގެ އާންމުން އެއްވެ އެވެ. ކުނބުސް ތައްޔާރު ކުރަނީ ރަށުގެ ދުވަސްވީ މީހުންގެ އިރުޝާދާ އެއްގޮތަށެވެ.
މިއީ ކިހިނެއް، ކޮންއިރަކު، ކޮންގޮތަކަށް ފެށުނު ސަގާފަތެއް ކަން ބުނެދޭން އެ މީހުންނަށް ދައްޗެވެ. ދުވަސްވީ މީހުން ބުނާ ގޮތުން އީދަށް އެންމެން އެކުވެ، ކުނބުސް އަޅާ ހަނދާން ކުޑައިރުއްސުރެ ވެސް ހުރެ އެވެ.
އެތައް ޒަމާނެއްވީ މި ސަގާފަތް ދައްކުވައިދޭ ކުނބުސް ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި ހޯދުމާއި މެޓާގަނޑު އެޅުމުގައި ރަށުގެ ކުދިބޮޑު އެންމެން ޝާމިލުވެ އެވެ. އެ މަސައްކަތް ހިނގާނުހިނގާ ގޮތް ބަލައި ދަސްކުރުމުގައި ޒުވާނުންނާއި ކުޑަކުދިން ހަރަކާތްތެރިވެ އެވެ.
ކުނބުސް ތައްޔާރުކުރަން ފަށަނީ އީދުގެ ތިން ދުވަސް ކުރިންނެވެ. މި އަހަރުގެ ބޮޑު ކުނބުސް އެޅުމުގެ މަސައްކަތް ފަށާފައި ވަނީ މި މަހުގެ އެއް ވަނަ ދުވަހު އެވެ. ކުނބުސް އަަޅަނީ ވަޅު ޖަހައި އަންދައިގެންނެވެ. އެގޮތުން ކުނބުސް ތައްޔާރު ކުރުމަށް ފަހު އެ ވަޅުގަނޑަށްލަ އެވެ. އަދި ދަރާއި ބޮނބި ފަދަ ތަކެތި ޖައްސައިގެން ފިހެ އެވެ.
ދެ ދުވަސް ވަންދެން އެގޮތަށް ފިހުމަށްފަހު ކުނބުސް ނަގައި، ރަށުގެ ކޮންމެ ގެއަކަށާއި ރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް ލިބޭނެހެން ފޮތިކޮށް، ޕާރުސަލް ކުރެ އެވެ. ކުނބުސް ބަހަނީ ހައްޖު ދުވަހުގެ ހަވީރު އެވެ. އެއީ ޖެހިގެން އަންނަ ދުވަހުގެ ހެނދުނު ފޮނި ކާއެއްޗެއްގެ ގޮތުގައި ބޭނުންކުރުމަށާ އަދި އީދުގެ ހަދިޔާއެއްގެ ގޮތުން ދެވޭ އެއްޗެކެވެ.
ސަގާފަތާ ގުޅުވައި މެދުކެނޑުމެއް ނެތި ދަމަހައްޓަމުން އަންނަ މި އާދައަކީ ރަށު މީހުންގެ އެއްބައިވަންތަކަމާއި ތާރީހަށް ލޯބި އަންގައިދޭ ކަމެކެވެ.
ނިމިދިޔަ އީދުގައި ކިނބިދޫގައި ބޮޑު ކުނބުސް ތައްޔާރުކުރީ އުރީދޫ މޯލްޑިވްސްގެ އެހީތެރިކަމާ އެކުގަ އެވެ. ރާއްޖޭގެ ސަގާފަތާއި ތާރީހާ ގުޅިފައިވާ މިފަދަ ކަންކަން ދިރުވައި އާލާކުރުމަކީ އެ ކުންފުނިން އިސްކަންދޭ ކަމެކެވެ. އެގޮތުން ރަށްރަށުގައި ކުރިއަށް ގެންދާ ހަރަކާތްތަކަށް އުރީދޫން ދަނީ އެއްބާރުލުން ދެމުންނެވެ.
ދުވަހުގެ އުފަލުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިކުރުމުގެ ގޮތުން އުރީދޫން ކޮންމެ އީދެއްގައި ވެސް އީދު ސައި ބާއްވައި، ހަދިޔާ ބެހުމުގެ ހަރަކާތްތައް އެކި ރަށްރަށުގައި އިންތިޒާމު ކުރެ އެވެ.