އަޟްހާ އީދު ދުވަސް ފާހަގަ ކުރުމަށް މިއަދު ހަވީރު މާލެ އާއި ވިލިމާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފައި ވަނިކޮށް، އުޅަނދު ދުއްވި 141 މީހަކު ހުއްޓުވައި އޭގެ ތެރެއިން 11 މީހަކު ޖޫރިމަނާކޮށްފި އެވެ.
ގްރޭޓާ މާލެ އޭރިއާގެ ހުރިހާ މަގެއްގައި މިއަދު ހަވީރު 4 އިން 6 އަށް އިންޖީނުލީ އަދި ބެޓެރި އުޅަނދު ދުއްވުން މަނާ ކުރުމަށް ނިންމައި މާލެ ސިޓީ ކައުންސިލުން އެކަން އިއުލާނުކުރީ މިދިޔަ ބުދަ ދުވަހު އެވެ.
ސިޓީ ކައުންސިލުން އެގޮތަށް ނިންމާފައި ވަނިކޮށް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓްރީން އިއްޔެ ހަވީރު ވަނީ ކަމާ ގުޅުންހުރި އިއުލާނެއް ނެރެފަ އެވެ. އެ އިއުލާނުގައި ބުނެފައިވާ ގޮތުގައި މިއަދު ހަވީރު އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާ ވާނީ މާލެ އާއި ވިލިމާލޭގެ މަގުތަކުގައި ކަމުގަ އެވެ.
އެ ކަމާ ގުޅިގެން ފުލުހުން ކުރި ޕޯސްޓުގައި ވެސް ޓްރާންސްޕޯޓް މިނިސްޓްރީގެ އިއުލާނެކޭ އެއްގޮތަށް ހުޅުމާލެ ނުހިމެނެ އެވެ. ބުނެފައި ވަނީ އުޅަނދު ދުއްވުން މަނާ ވާނީ މާލެ އާއި ވިލިމާލޭގައި ކަމަށެވެ.
ގުޅުންހުރި އިދާރާތަކުން އެހެން ފާހަގަކޮށްފައިވަނިކޮށް ސިޓީ ކައުންސިލުން ނެރުނު އިއުލާނާ ހަވާލާދީ މިއަދު މެންދުރުފަހު ބުނީ އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތު އުޅަނދު ނުދުއްވޭނީ މާލެ އާއި ވިލިމާލޭގައި ކަމަށެވެ. ހުޅުމާލޭގައި އުޅަނދު ބޭނުން ކުރެވޭނެ ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.
ހުޅުމާލޭގައި މިއަދު ވެހިކަލް ދުއްވޭނެ، މަނާ ވާނީ މާލެ އާއި ވިލިމާލޭގައި
ފުލުހުން މިރޭ ބުނީ އެއްގަމު އުޅަނދު ދުއްވުން މަނާ ކަމަށް ކަނޑައަޅާފައިވާ ވަގުތު ފުލުހުންގެ ހަރަކާތްތެރިވުން އިތުރުކުރުމަށް ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެ އޮޕަރޭޝަނުގެ ތެރެއިން އުޅަނދު ދުއްވުން މަނާ ވަގުތުގައި އުޅަނދު ދުއްވައިގެން 141 މީހަކަށް ނަސޭހަތްތެރިވެފައިވާ ކަމަށެވެ. އަދި 11 މީހަކު ޖޫރިމަނާކުރިކަން ފާހަގަކުރި އެވެ.
އޮޕަރޭޝަނުގައި ތިން އުޅަނދެއް ޓޯ ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުންނާއި ލައިސެންސް މުއްދަތު ހަމަވެފައި އޮއްވާ ދުއްވައިގެން އަދި އެއްގޮތަކަށް ވެސް ލައިސެންސް ނެތި ދުއްވުމުންނެވެ.