މިދުވަސްވަރު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކުރާ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭގެ) ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އެޗްޕިއޭ އިން ވަނީ 2024 އަދި 2025 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 6 އިން ފެށިގެން މިހިނގާ މެއި މަހުގެ 17 ވަނަ ދުވަހާއި ހަމައަށް ރިޕޯޓް ކުރެވުނު އަރިދަފުސް ރޯގާގެ ކޭސްތަކުގެ މައުލޫމާތު ހިއްސާކޮށްފަ އެވެ.
އެގޮތުން މި މުއްދަތުގައި މިއަހަރު އަރިދަފުސް ރޯގާގެ 43882 ކޭސް ރިޕޯޓްކޮށްފައިވާއިރު، މިދިޔަ އަހަރު ރިޕޯޓް ކޮށްފައިވާ ކޭސްތަކުގެ އަދަދަކީ 36048 އެވެ.
އަރިދަފުސް ރޯގޭގެ އިތުރުން އިންފުލުއެންޒާ ވެސް ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރު 50 ކޭސް ރިޕޯޓް ކޮށްފައިވާއިރު މިއަހަރު މި މުއދަތުގައި 254 ކޭސް ވަނީ ރިޕޯޓް ކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. ނަމަވެސް މި މުއްދަތުގައި ކޮވިޑް ކޭސްތައް މާބޮޑު ތަފާތެއް ނާދެއެވެ. މިދިޔަ އަހަރު 38 ކޭސް ރިޕޯޓްކުރިއިރު މިއަހަރު ރިޕޯޓް ކުރީ 37 ކޭސް ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ކޮވިޑް އަދި އިންފްލުއެންޒާ ޖެހިގެން އެންމެ ގިނައިން ރިޕޯޓް ކޮށްފައި ވަނީ މާލެ ސަރަހައްދުން ކަމަށެވެ. އެހެން ކަމުން މިފަދަ ރޯގާތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން އެދެ އެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރު ޑެންގީ ހުންޖެހިގެން ރިޕޯޓް ކުރެވުނު އަދަދު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ދަށެވެ.