ދިވެހި ހައްޖުވެރިންނަށް މައްކާ ރޫޓު އިނީޝިއޭޓިވް އިފުތިތާހު ކުރުމަށް ބާއްވާ ހާއްސަ ޖަލްސާއަށް މައްކާ ރޫޓު އިނީޝިއޭޓިވް ކޮމިޓީގެ ޗެއާމަން އަދި ސައުދީ އަރަބިއްޔާގެ ދާހިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަހްޔާ ރޭ ރާއްޖެ ވަޑައިގަންނަވައިފި އެވެ.
މި އިނީޝިއޭޓިވްއަކީ 2018 ވަނަ އަހަރުން ފެށިގެން ސައުދީ ސަރުކާރުން އެ ގައުމުގެ ހައްޖު މިނިސްޓްރީ އާއި އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުން އަންނަ ސައުދީ ވިޝަން 2030 ގައި ހިމެނޭ އިނީޝިއޭޓިވްއެކެވެ. މިއީ ހައްޖުވެރިންނަށް ލުއިފަސޭހަ އިންތިޒާމެއް ހަމަޖެއްސެވުމަށް ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާއި ޕްރިންސް މުހައްމަދު ބިން ސަލްމާނުގެ ބެއްލެވުމުގެ ދަށުން ހާއްސަ ސަމާލު ކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތްޕުޅެކެވެ.
މައްކާ ރޫޓު އިނީޝިއޭޓިވްގައި މި މަހު ރާއްޖެ ހިމަނައި، ހައްޖުވެރިން ފުރުމުގެ އިންތިޒާމުތަކާއި ތަންފީޒު ކުރުމުގެ ތައްޔާރީތަކަށް އެޑްވާންސް ޓީމެއް މި މަހުގެ 16 ވަނަ ދުވަހު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. އެ ޓީމުން ވަނީ އިނީޝިއޭޓިވްގެ ދަށުން ކުރަން ޖެހޭ އަމަލީ މަސައްކަތްތައް ފުރިހަމަކޮށްފަ އެވެ.
އިނީޝިއޭޓިވް އިފުތިތާހު ކުރުމަށް ބާއްވާ ތާރީހީ ޖަލްސާއަށް ސައުދީގެ ހައްޖު މިނިސްޓްރީ އާއި އިމިގްރޭޝަނާއި ފޮރިން މިނިސްޓްރީ އަދި މައްކާ ރޫޓު އިނީޝިއޭޓިވް ހިމެނޭހެން މަތީ ފެންވަރުގެ 42 ބޭފުޅަކު ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
އޭގެ ތެރެއިން ފުރަތަމަ ވަފުދު މިދިޔަ ހުކުރު ދުވަހުގެ މެންދުރު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.
މައްކާ ރޫޓު އިނިޝިއޭޓިވް ކޮމިޓީގެ ޗެއާމަނާއި އެމަނިކުފާނާ އެކު ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން މަރުހަބާ ދެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި ރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާ އެމްބަސީގެ އިސް ބޭފުޅުންނެވެ.
އެމަނިކުފާނާ އެކު ވަޑައިގެންނެވި ވަފުދުގައި އިސްކޮށް ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ސައުދީގެ ފޮރިން އެފެއާޒް މިނިސްޓްރީގެ ހައްޖު، އުމްރާ އަދި އެންޑޯސްމެންޓް ޑިޕާޓްމެންޓުގެ ޑިރެކްޓަ ޖެނެރަލް މޭޖާ ޖެނެރަލް އަބްދުލްމުއްނިމް ބިން އަބްދުލް ރަހްމާން އަލް މަހްމޫދު އަދި މައްކާ ރޫޓު އިނީޝިއޭޓިވް ސްޓިއަރިން ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް މޭޖާ މުހައްމަދު ބިން ނަސީރް އަލް ހައްލާފް ފާހަގަކުރެވެ އެވެ.
އެ ދެ ބޭފުޅުންނާ އެކު އެ ވަފުދުގައި ޖެނެރަލް އޮތޯރިޓީ ފޯ އެންޑޯމަންޓް ބޭންކްސް އެންޑް ޑިވެލޮޕްމަންޓް ޕްރޮގްރާމްސްގެ ނައިބު ރައީސް އަބްދު ރަހްމާން ބިން މުހައްމަދު އަލް އަގީލުގެ އިތުރުން އެކި މުއައްސަސާތަކުގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.

މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފުތިތާހު ކުރުމަށް ހަމަޖެހިފައި ވަނީ މިއަދު މެންދުރު ވީއައިއޭގައި ބާއްވާ ހާއްސަ ޖަލްސާގަ އެވެ. އިނީޝިއޭޓިވް އިފުތިތާހު ކޮށްދެއްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނެވެ.
މި އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުއްވީ ސައުދީ ރަސްގެފާނު ސަލްމާނުގެ ހާއްސަ އިރުޝާދުގެ ދަށުން މި ކަމުގައި ގައުމުތައް ކަނޑައެޅުއްވުމަށް ނިންމަވާފައިވާ ހުރިހާ ޝަރުތުތަކަކުން ރާއްޖެ އިސްތިސްނާ ކުރައްވައި ހާއްސަކަން ދެވިގެންނެވެ. މިއީ ރާއްޖެ އާއި ސައުދީ އާ ދެމެދު އޮތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމުގައި އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވެފައިވާ ގޮތުގައި އިނީޝިއޭޓިވް އިފުތިތާހުވުމުން މައްކާ ރޫޓުގައި ހައްޖުވެރިން ސައުދީ އިމިގްރޭޝަނުގައި ޖިއްދާ އެއާޕޯޓުގައި މަޑުކޮށްގެން އެރައިވަލް ޕާސްޕޯޓު ސްޓޭމްޕް ޖެހުމަށާއި ލަގެޖް ނަގަން އެއާޕޯޓުގައި މަޑުކުރަން ނުޖެހޭނެ ކަމުގަ އެވެ. މަތިންދާ ބޯޓުން ފައިބާ ގޮތަށް ހޮޓަލަށް ދެވޭނެ ކަމަށާއި ލަގެޖް ލިބޭނީ ވެސް ހޮޓަލުން ކަމުގަ އެވެ.
ހައްޖުވެރިންނަށް ޖިއްދާ އެއާޕޯޓުން ރަސްމީކޮށް އިސްތިގުބާލު ކުރާނެކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވެފައި ވަނީ މިއީ އެ އެއާޕޯޓުގައި އެތައް އިރަކު ތިބުން ނިމުމަކަށް ގެންނާނެ ތާރީހީ ފަސޭހަ ކަމެއް ކަމަށެވެ.