ހުޅުމާލޭގައި ހުންނަ އޮރެންޖު ހިޔާގެ އިމާރާތަށް ބަދަލުކުރި ތެލެސީމިއާ ސެންޓަރު ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ.
މިދިޔަ މާޗު މަސް ނިމެން އުޅެނިކޮށް ތެލެސީމިާ ސެންޓަރު އޮރެންޖު ހިޔާއަށް ބަދަލުކުރަން ރައީސް މުއިއްޒު އެންގެވުމުން ސިފައިން އެ މަސައްކަތްކޮށް ނިންމައި ހެލްތު މިނިސްޓްރީއާ ހަވާލުކުރީ މި މަހުގެ ކުރީކޮޅު އެވެ.
އަދި މިއަދު އެ އިމާރާތުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ތެލެސީމިއާ ސެންޓަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހުޅުވައިދެއްވައިފަ އެވެ.
އެ ސެންޓަރުގެ ހިދުމަތްތައް އޮރެންޖު ހިޔާއަށް ބަދަލުކުރުމުން ޖާގައިގެ ގޮތުން ތަނަވަސްވެ، ހިދުމަތް ފޯރުކޮށްދިނުމަށް ފަސޭހަތަކެއް ލިބިގެންދާނެ އެވެ.
އެ ސެންޓަރުގައި ޖެނެރަލް ވޯޑްގެ އިތުރުން އަންހެނުންނަށް ހާއްސަ ވޯޑަކާއި، ކުޑަކުދިންނަށް ހާއްސަ ވޯޑެއް ހިމެނެއެވެ. އަދި ލޭ ރައްކާކުރުމުގެ ކެޕޭސިޓީ 200ލޭ ޕައިންޓުން 600 ލޭ ޕައިންޓަށް ވަނީ އިތުރުވެސްކޮށްފަ އެވެ.
އޭގެ އިތުރުން
- ފަސް ނަރުހުންނާއި ހަ ލެބް ޓެކްނީޝަނުން އިތުރުކޮށް ދާއިމީ ފިޒީޝަނެއް ހަަމަޖައްސާފައިވޭ
- އިދާރީ ބަޔަށްވެސް މުވައްޒަފުން އިތުރުކޮށް، ސްޓޯރޭޖް ބެލެހެއްޓުމަށްވެސް މުވައްޒަފުން ކުރިއަށްވުރެ އިތުރުކޮށްފައިވޭ
- ސެންޓަރުން ހިދުމަތް ދިނުމަށް އިތުރު 16 މުވައްޒަފުން ވެސް ވަނީ ހަމަޖައްސާފަ
އޭގެ އިތުރުން ހިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހައިން އޮރެންޖް ހިޔާއަށް ދަތުރުކުރެވޭނެ ގޮތް ހަމަޖެއްސުމަށް، ބަސް ކާޑެއް ތައާރަފްކޮށް އޮރެންޖު ހިޔާއަށް ބަސްރޫޓެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ.