ދިވެހިރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމް ނުވަތަ މޯލްޑިވްސް ނޭޝަނަލް ސާވިސްގައި ބައިވެރިވުމަށް އެދި ހުޅުވާލި ފުރުސަތުގައި މިހާތަނަށް 658 ޒުވާނުން ފޯމު ހުށަހަޅާފައިވާ ކަމަށް ރައީސް ޑރ. މުހަައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގައުމީ ހިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ޒުވާނުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ޑިފެންސް މިނިސްޓްރީން ހުޅުވާލާފައި ވަނީ މިދިޔަ އޭޕްރީލު މަހުގެ 30 ވަނަ ދުވަހު އެވެ. ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި ބައިވެރިވުމަށް އެދި ހުށަހަޅަން ހުޅުވާލީ އަންނަ މަހުގެ އެއް ވަނަ ދުވަހުގެ މެންދުރު 12 ޖެހުމާ ހަމައަށެެވެ.
ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ތަސްދީގު ކުރެެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ ޕްރޮގްރާމާ ގުޅޭ އަދާހަމަ ހިއްސާކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ ގައުމީ ހިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވާން އެދި މިއަދާ ހަމައަށް 658 ކުދިން ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 538 ފިރިހެން ކުދިން އަދި 120 އަންހެން ކުދިން ކަމަށެވެ.
“މީގެ ތެރެއިން 18 އަހަރުން ދަށް، 16 އަހަރާއި 18 އަހަރާ ދޭތެރޭގެ ޕޭރެންޓް ކޮންސެންޓާ އެކީގައި، މީގެ ތެރެއިން 316 ކުދިންނަކީ ޕޭރެންޓް ކޮންސެންޓާ އެކީގައި އެޕްލައި ކޮށްފައި ތިބި ކުދިން،” ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ޕްރޮގްރާމުގައި ބައިވެރިވާން އެދި ހުށަހެޅުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމުގަ އެވެ. މި އަހަރުގެ ތެރޭގައި 1،000 ކުދިން ނެގުމަކީ އަމާޒަކަށް ވިނަމަވެސް ޓްރެއިނިން ފެސިލިޓީ ހުރި ގޮތުން ފުރަތަމަ ބުރުގައި އެ އަދަދަށް ކުދިން ނުނެގޭނެ ކަމުގަ އެވެ. އެ ފެސިލިޓީ ހަރުދަނާ ކުރުމަށް ވަސީލަތް ހޯދުމުގެ އިތުރުން ބަޖެޓު ހަމަޖައްސައި ރަނގަޅު މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަަގަކުރެއްވި އެވެ.
އަމާޒަކީ ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި 4،000 ޒުވާނުން ތަމްރީނު ކުރުން ކަމަށާއި އެގޮތުން ކޮންމެ އަހަރަކު ވެސް ކަނޑައަޅާފައިވާ އަދަދަށް ކުދިން ނަގައި ތަމްރީނު ދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޕްރޮގްރާމް ނިންމުމަށް ފަހުގައި ސިފައިން ނުވަތަ ފުލުހުންގެ ހިދުމަތާ ގުޅެން ބޭނުންވާ ކުދިންނަށް އެ ފުރުސަތު ލިބޭނެ ކަމަށެވެ. އެގޮތުން ކަނޑައެޅިފައިވާ ވަކި އަދަދަކަށް އެ ދެ ހިދުމަތާ ގުޅުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ.
“އަދި މި ދެ ތަނުން ތަނަކަށް ވަންނަން ބޭނުން ނުވާ ކުދިންނަށް ހަމަ ބޭނުން ކެރިއާއަކުން ކުރިއަށް ދާން ފުރުސަތު ލިބޭ ސްކީމެއް،” ރައީސް ވިދާޅުވި އެވެ.
ގައުމީ ހިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް ކުރިމަތިލެވޭނީ އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އޭގެ ތެރެއިން 16 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިން ޕްރޮގްރާމުގައި ބައިވެރިވާން ހުށަހަޅާއިރު، އެ ކަމަށް ބެލެނިވެރިޔާ އިއުތިރާޒު ނުކުރާ ކަމުގެ އިގުރާރެއް ހުށަހަޅަން ޖެހެ އެވެ.
ރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމަކީ ރައީސްގެ ހާއްސަ އިސްނެންގެވުމަކާ އެކު ފެށި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ސަބަބުން ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އެ އޮފީހުން ބުނެފައިވާ ގޮތުގައި މި ޕްރޮގްރާމަކީ ދިވެހި ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫހާއި ފަހުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ގައުމުގައި ބިނާކޮށް، ރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ގައުމީ ހިދުމަތަށް ސާބިތުކަމާ އެކު ކުރިމަތިލާނެ ރައްޔިތެއް ތަމްރީނު ކޮށްދޭނެ ޕްރޮގްރާމެއް ކަމުގަ އެވެ.
މިއީ ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރު ކުރުމާ އަދި ގައުމީ ހިދުމަތުގެ ތެރެއިން ސަލާމަތީ ހިދުމަތްތަކަށް މީހުން ރެކްރޫޓް ކުރެވޭނެ މަގުފަހިކޮށްދީ، ދިވެހި ޒުވާނުންނަކީ އެއްބައެއްވަންތަކަމާ އެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ އަހުލާގާއި ސުލޫކު ރަނގަޅު، އެކަކު އަނެކަކަށް އިހުތިރާމުކުރާ، އަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ހެދުމަށް ހިންގާ ޕްރޮގްރާމެއްކަން ވެސް ފާހަގަކޮށްފައިވެ އެވެ.
މިދިޔަ އަހަރުގެ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ގައުމީ ހިދުމަތުގެ ޕްރޮގްރާމް އިއުލާނު ކުރައްވައި، ރައީސް ދެއްކެވި ވާހަކަފުޅުގައި މި ޕްރޮގްރާމުގެ ސަބަބުން ތަމްރީނު ލިބިފައި ތިބި، އަހުލާގު ރަނގަޅު ގައުމަށް ފައިދާހުރި ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެވޭނެ ކަމުގައި ވަނީ ވިދާޅުވެފަ އެވެ.
އެފަހުން މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ވެސް ރައީސް ވިދާޅުވެފައި ވަނީ ގައުމީ ހިދުމަތުގެ ޕްރޮގްރާމް އިފުތިތާހު ކުރުމަށް ވާން ޖެހޭ ތައްޔާރީތައް ކުރިއަށްދާ ކަމަށާއި ޕްރޮގްރާމް މި އަހަރުގެ އޭޕްރީލް މަހު ފައްޓަވާނެ ކަމަށެވެ.
ގައުމީ ހިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ކޮންމެ ޒުވާނަކަށް، އެ ހިދުމަތާ ގުޅޭ ދުވަހުން ފެށިގެން އެލަވަންސެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.
ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމު، ޑިފެންސް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.