ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް ސައްހަ ނޫން ލިޔުންތަކެއް ހުށަހެޅި މައްސަލައިގައި ޖިނާއީ ތަހުގީގެއްކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ފުލުހުންގެ ހިދުމަތުގައި އެދިއްޖެ އެވެ.
ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން 2006 ވަނަ އަހަރާއި 2008 ވަނަ އަހަރު ފޯރުކޮށްދީފައިވާ ކަމަށް ބުނާ ހިދުމަތްތަކަށް ފައިސާ ނަގައިދިނުމަށް އެދި ދެ އިދާރާއެއްގެ މައްޗަށް ދައުވާކުރި އެވެ. އޭގެ ތެރޭގައި އެންވަޔަރަންމަންޓް މިނިސްޓްރީއަށް ސަޕްލައިކޮށްދީފައިވާ ކަމަށް ބުނާ ކަޅުހަންތަކަކާ ގުޅޭ އެއް މައްސަލައާއި، ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސްއަށް ސަޕްލައިކުރި ކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓްތަކަކާ ގުޅޭ 2 (ދޭއް) މައްސަލަ ހިމެނެ އެވެ.
އެހެން ނަމަވެސް އޭގެ ތެރެއިން ދެ މައްސަލައެއްގައި ސައްހަ ނޫން ލިޔެކިޔުންތަކެއް ހުށަހަޅާފައިވާކަމަށް ތުހުމަތުކުރެވޭ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އަދި އެ މައްސަލައާ ގުޅިގެން އޮޑިޓް އޮފީހުން ކުރި އޮޑިޓްތަކުން ވެސް އެކަން ފާހަގަވެފައިވާކަމަށް ބުންޏެވެ.
“އެހެންކަމުން، މި މައްސަލަތަކާ ގުޅިގެން ޖިނާއީ ތަހުގީގެއްކުރުން މުހިއްމު ކަމަށް މި އޮފީހަށް ވެސް ފެންނާތީ، ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި މި މައްސަލަ ތަހުގީގެއް ކޮށްދެއްވުމަށް ދިވެހި ފުލުހުންގެ ހިދުމަތުގައި މި އޮފީހުން ވާނީ އެދިފައެވެ.” ޕީޖީ އޮފީހުން މިރޭ ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.
ސެންޓަ އެންޓަޕްރައިސްއިން ހުށަހެޅި ލިޔުންތަކާ މެދު ސުވާލު އުފެދޭތީ ދައުލަތުން އެ ކުންފުންޏަށް އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭކަމަށް ކަނޑައަޅުއްވައިދެއްވުމަށް މި މައްސަލަތަކުގައި ދައުލަތުން ހުށަހެޅި ޖަވާބުތަކުގައި އެދިފައިވާނެކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.
އެ މުއާމަލާތްތަކާ ގުޅޭ މައްސަލަތަކާ ގުޅިގެން ސިވިލް ކޯޓުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ ނިންމެވުންތައް ދައުލަތުން އޮތީ އިސްތިއުނާފުވެސް ކޮށްފައެވެ.