ރާއްޖޭގެ ޖުޑީޝަރީއާ ގުޅޭ ގޮތުން، ރާއްޖޭގެ އިދިކޮޅު ފަރާތްތަކުންނާއި އެ ފަރާތްތަކާ ގުޅިގެން ބައިނަލްއަގުވާމީ ބައެއް ޖަމިއްޔާއަކުން ވެސް ހަގީގަތަށް ވާހަކަ ދައްކަން ޖެހޭ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު މިއަދު ވިދާޅުވެއްޖެ އެވެ.
ފޮރިން މިނިސްޓަރު މި ގޮތަށް ފާހަގަކުރެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ޑރ. އަޒްމިރަލްދާ ޒާހިރުއާއި މަހާޒު އަލީ ޒާހިރު ވަކިކުރި ގޮތާ ގުޅޭ ގޮތުން ބައިނަލްއަގުވާމީ ބައެއް ޖަމިއްޔާތަކުންނާއި އަވައްޓެރި ބައެއް ގައުމުތަކުގެ ވަކީލުންގެ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފައި ވަނިކޮށެވެ.
ހަލީލު އެކްސްގައި ލިއުއްވީ ދެ ފަނޑިޔާރުން ވަކިކުރީ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. ފަނޑިޔާރުން ވަކިކުރުމަށް ހިނގާ ކަންކަން ވެސް ހިމެނޭހެން ޖުޑީޝަރީގެ އެއްވެސް ކަމެއްގެ ތެރެއަށް ސަރުކާރުން ނުވަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
”އުއްމީދަކީ އަދި އެދޭނީ އިދިކޮޅުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުން، ބައިނަލްއަގްވާމީ މުޖުތަމައުއާ ގުޅިވަޑައިގެން، ހަގީގަތުގެ މައްޗަށް ބިނާކޮށް ވާހަކަ ދެއްކުން,“ ކޮމަންވެލްތުގެ އިސް ބޭފުޅުންތަކެއް ޓެގް ކުރެއްވުމަށްފަހު ހަލީލް ލިއުއްވި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި އިރު ހުށަހެޅި ދިފާއީ ހެކިތަކަށް ފުރުސަތު ނުދޭ ކަމުގެ ޝަކުވާ ބޮޑެވެ. އިޖުރާއަތްތައް ވެސް ފުރިހަމަނުކުރާ ކަމަށް ދެ ފަނޑިޔާރުންގެ ފަރާތުން ވެސް ފާހަގަކުރަމުން ދިޔަ އެވެ.
ޖޭއެސްސީގެ އަޑުއެހުންތައް ހުޅުވާލަން އެދުނު ނަމަވެސް އަޑުއެހުންތައް ބޭއްވީ ސިއްރުކޮށްގެނެވެ.
ޖޭއެސްސީން އެ ދެ ފަނޑިޔާރުން ވަކިކުރުމަށް ނިންމައި ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން، ފަނޑިޔާރު ވަކިކުރަން ޖުޑީޝަރީ ކޮމިޓީން ވެސް ނިންމީ ސިއްރު ބައްދަލުވުމެއްގަ އެވެ.
ޖޭއެސްސީން ސުލޫކީ މައްސަލަ ބަލަން ފެށީ ވެސް އިޖުރާއަތްތަކާ ހިލާފަށް ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާހަގަ ކުރެއްވި ނަމަވެސް މަޖިލީހުގެ މެންބަރުން ގަބޫލު ކުރެއްވީ މައްސަލައެއް ބަލަން ކޮމިޝަނަށް ވަގުތުން ނިންމޭނެ ކަމުގަ އެވެ.
އެ ދެ ފަނޑިޔާރުން ވަކިކުރީ، އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދުކުރަން ކްރިމިނަލް ކޯޓަށް ހާޒިރުކުރި މަޖިލީހަކަށް ނުފޫޒު ފޯރުވަން އުޅުނު ކަމަށް ބުނާ މައްސަލައެއްގަ އެވެ.
ލަތީފްގެ މައްޗަށް ތުހުމަތުކުރެވޭ ވަރަށް ހެކި ނެތުމުން، އެ ދުވަހު ބަންދުން ދޫކޮށްލި އެވެ. ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ވެސް ނިންމީ ހެކި ނެތުމުން ދައުވާ ނުކުރުމަށެވެ. އަދި ފުލުހުން ވެސް ހެކި ނެތް ކަމަށް ބަލައި، މައްސަލަ އޭރު ފައިލްކޮށްފައިވެ އެވެ. އޭނާ ހައްޔަރުކުރީ ޑިސެމްބަރު މަހު ކުރީކޮޅުގަ އެވެ. ސުލޫކީ މައްސަލަ ޖޭއެސްސީން ބަލަން ފެށީ ފެބްރުއަރީ މަސް ތެރޭގަ އެވެ.
ފަނޑިޔާރުން ފެބްރުއަރީ 26 ގައި ސަސްޕެންޑްކުރީ އިންތިހާބުވި ސިޔާސީ ޕާޓީން ވަކިކޮށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަށް އަމަލުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަންވެފައިވަނިކޮށް، އަދި ފަނޑިޔާރުން ކޯޓު ރޫމަށް ވަޑައިގަންނަވަން ތައްޔާރުވެގެން ކޯޓުގައި ތިއްބަވަނިކޮށެވެ.