ފޭކް ވިސާގައި ރާއްޖެއަށް ބިދޭސީން ގެނެސް މަނީލޯންޑާ ކުރުމުގައި އިސްކޮށް އުޅުނު ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި އެވެ.
ބިދޭސީން ގެނައުމުގެ ވިޔަފާރިކޮށް، ޖިނާއީ ކުށްގެން ފައިސާ ހޯދާ މަނީލޯންޑަރިންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކޮށް ދައުވާކުރަން ފޮނުވާފައިވަނީ ޝަހާދަތު ހުސެއިންގެ މައްޗަށެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގުގައި ގިނަ ބަޔަކާ ސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށެވެ. އަދި ޝަހާދަތުއާ ގުޅުންހުރި މޯބައިލް ފޯނު ހިމެނޭހެން އިލެކްޓްރޯނިކް ސަމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެ މައްސަލައާ ގުޅޭ ހެކިތައް ހޯދާފައިވާ ކަމަށެވެ.
ބީއެމްއެލްގައި 6 އެކައުންޓެއް، އުޅުނީ ތަނަވަސްކޮށް
މިއަދު ބޭއްވި ޕްރެސްގައި ފުލުހުންގެ ސަބް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ހަމްޒަތު ވިދާޅުވީ 2014 ވަނަ އަހަރުން ފެށިގެން 4 ވޯކް ޕާމިޓެއްގައި ޝަހާދަތު ރާއްޖޭގައި އުޅެމުން އަންނަ ކަމަށާއި 2019 އަށް ބޭންކް އޮފް މޯލްޑިވްސްގައި އޭނާގެ ނަމުގައި 6 އެކައުންޓެއް ހުޅުވި ކަމަށެވެ.
“މިގޮތުން ދިވެހި ރުފިޔާގެ ތިން އެކައުންޓާއި ޔޫއެސް ޑޮލަރުގެ 3 އެކައުންޓު ހުޅުވާފައިވާކަން އެނގޭ،” ވޯކް ޕާމިޓުން އެނގޭ ގޮތުގައި ޝަހާދަތު އެންމެފަހުން މަސައްކަތްކޮށްފައިވަނީ އޮފީހެއްގެ އޮފީސް ބޯއީއެއްގެ މަގާމުގައި ކަމަށް ހަމްޒަތު ވިދާޅުވި އެވެ. އެފަދަ ދަށް މަގާމެއްގައި ހުރި ނަމަވެސް އޭނާގެ ”ލެޓާ އޮފް އެޕޮއިންޓުމެންޓް” ގައިވާ ގޮތުން އޭނާއަށް މުސާރައިގެ ގޮތުގައި މަހަކު 3،000 ޑޮލަރު ލިބެ އެވެ.
“އަދި އެކްސްޕަޓްސް ސިސްޓަމްގައިވެސް ޖަހާފައިވަނީ އޮފީސް ކްލީނާ ކަމަށާއި ހަމަ މުސާރަ 3،000 ޑޮލަރު ކަމަށް،” ހަމްޒަތު ވިދާޅުވީ މިދިޔަ އަހަރުގެ ޖުލައިގެ ނިޔަލަށް ވޯކް ވިސާ ނުދައްކާތީވެ ޝަހާދަތުގެ ވޯކް ޕާމިޓް އެކްސްޕަޔާ ވެފައިވާ ކަމަށެވެ.
އޭނާ މާލޭގައި އުޅުނީ 18،000 ރުފިޔާއަށް ދެ ކޮޓަރީގެ އެޕާޓްމެންޓެއް ނަގައިގެންނެވެ. އޭނާ ގެންގުޅޭ ފޯނާއި ލެޕްޓޮޕުން އެކި ކުންފުނީގެ ރަޖިސްޓްރީއާއި ލޯގޯ، ސްޓޭމްޕާއި ވޯކް ޕާމިޓް ކޯޓާ ނެގުމަށް ބޭނުންވާ ޑޮކިއުމެންޓުތަކާއި ބިދޭސީންގެ ޕާސްޕޯޓުގެ އިތުރުން ދިވެހި އައިޑީކާޑުތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެކްސްޕަޓް ސިސްޓަމްގައި ގިނަ އެކައުންޓުތަކެއް
- އަމިއްލަ ފަރުދުންގެ ވިޔަފާރިވެރިންގެ ނަމުގައި 150 އެކައުންޓް (އައިޑީ އަދި ޕާސްވޯޑް)
- ބޭރު ކުންފުނިތަކުގެ ނަމުގައި 7 އެެކައުންޓް (އައިޑީ އަދި ޕާސްވޯޑް)
- އަމިއްލަ ކުންފުނިތަކުގެ ނަމުގައި 283 އެކައުންޓު (އައިޑީ ޕާސްވޯޑް)
- އަމިއްލަ ފަރާތްތަކުގެ ނަންމުގައި 126 އެކައުންޓް
- ޕާޓްނާޝިޕްގެ ނަމުގައި އެކްސްޕަޓް ސިސްޓަމްގައި ރިލޭޝަން ގާއިމްކޮށްފައިވާ 5 އެކައުންޓު
ފުލުހުން ބުނީ އެކްސްޕެޓް ސިސްޓަމް އަދި އީފާސް އެކައުންޓުތަކުގެ ކްރެޑެންޝިއަލްތަކަކީ ޝަހާދަތު އަމިއްލައަށް ކްރިއޭޓްކުރި އައިޑީތަކެއް ކަމަށް ނުބެލެވޭ ކަމަށެވެ.
މި މަސައްކަތުގެ ފަހަތުގައި މޯލްޑިވްސް އިމިގްރޭޝަންގައި މަސައްކަތްކުރާ ބަޔަކާއި އާއްމު އެތައް ބަޔަކު ޝަހާދަތުއާ ގުޅިގެން ކުންފުނިތަކުގެ ކޯޓާ ނަގައި ބިދޭސީން އެތެރެކޮށް އެ ބިދޭސީންނަށް ވަޒީފާއެއް ނުދީ މަގުމައްޗަށް ދޫކޮށްލައި، އޯޕަން ބައެއްގެ ގޮތުގައި މަސައްކަތް ކުރުވާ މާލީ މަންފާ ނަގާކަމަށް ބެލެވޭ ކަމަށް ހަމްޒަތު ވިދާޅުވި އެވެ.
ފުލުހުން ބުނީ 2019 އިން ފެށިގެން ޝަހާދަތުގެ ބޭންކު އެކައުންޓުތަކަށް 8 މިލިއަން ރުފިޔާ އަށްވުރެ ގިނަ ފައިސާ ޖަމާކޮށް ދައުރުކޮށްފައިވާ ކަމަށެވެ. އަދި ބިދޭސީންގެ ޑިޕޮސިޓް ފައިސާ ދެއްކުމަށް އެކްސްޕަޓް ޕޯޓަލްގެ ތެރެއިން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާފައިވާ ކަމަށް ފުލުހުން ބުންޏެވެ.