ހައްޖުގެ އަޅުކަން އަދާކުރަން ފުރާ ކޮންމެ މީހަކަށް މިހާރު އޮންނަ ކާޑު ލިމިޓުގެ އިތުރުން 1،750 ޑޮލަރު ހަމަޖައްސައިދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި އެދިވަޑައިގެންފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފި އެވެ.
އެމަނިކުފާނު އެކަން އިއުލާނުކުރެއްވީ މިއަދު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް ވިދާޅުވީ މި އަހަރުގެ ހައްޖަށްދާ ފަރާތްތަކަށް ބޭންކުގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއިފަސޭހަ ހައްލެއް ހަމަޖައްސައިދިނުމަށް ނިންމަވާފައިވާ ކަމަށެވެ.
“.. ކޮންމެ ހައްޖުވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1،750 ޑޮލަރުގެ ލިމިޓެއް ހަމަޖައްސައި ދިނުމަށް ބޭންކް އޮފް މޯލްޑިވްސްގައި އެދެފިން،” ރައީސް ކުރެއްވި ޕޯސްޓުގައިވެ އެވެ.
ބީއެމްއެލުގެ ޑެބިޓް ކާޑުގެ ލިމިޓަކީ 250 ޑޮލަރެވެ. އިތުރުކޮށްދޭ ލިމިޓާ އެކު ހައްޖުވެރިންނަށް 2،000 ޑޮލަރުގެ މުއާމަލާތް ކުރެވޭނެ އެވެ.
ރައީސް ވަނީ ރައްޔިތުންގެ ބޭންކުގެ ގޮތުގައި ބީއެމްއެލުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ އެކަމަށް ޝުކުރު ދަންނަވާފަ އެވެ.
ހައްޖުވެރިންގެ ޑެބިޓް ކާޑުގެ ލިމިޓު އިތުރުކުރަން އެދިވަޑައިގެންނެވިއިރު، މިދިޔަ ރޯދަ މަހު އުމްރާގެ އަޅުކަމަށް ދިޔަ މީހުންގެ ބީއެމްއެލް ޑެބިޓް ކާޑަށް އޮތް 250 ޑޮލަރުގެ އިތުރުން 1،500 ޑޮލަރުގެ ލިމިޓެއް ވަނީ ހަމަޖައްސައިދީފަ އެވެ. އެގޮތަށް ހަމަޖެއްސީ ބޭންކުގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއިފަސޭހަ ހައްލެއް ހޯދައިދިނުމުގެ ގޮތުން ކަމުގައި ރައީސް ފާހަގަކުރައްވާފައިވެ އެވެ.