
ޅ. މާފިލާފުށީ ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގައި ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ޕްރޮގްރާމްގެ ތިންވަނަ ބެޗު މިއަދު ހަވީރު ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.
މުޅި ރާއްޖޭގެ 112 ރަށަކުން ޖުމްލަ 352 ޒުވާނުން ބައިވެރިވާ މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 15 ހަފުތާގެ މުއްދަތަށެވެ. މީގެ ތެރޭގައި ހިމެނެނީ 288 ފިރިހެން ބައިވެރިންނާއި 64 އަންހެން ބައިވެރިންނެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޓަކައި އެ ކުދިން ވަނީ މި ހިނގާ ޖޫން މަހުގެ 8ވަނަ ދުވަހު މާފިލާފުއްޓަށް ގޮސް ރިޕޯޓުކޮށްފައެވެ.
މި ޕްރޮގްރާމް ފެށުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، ކޯހުގެ ބައިވެރިންނާއި މުދައްރިބުން ވަނީ އެފަރާތްތަކުގެ އިޤްރާރުގައި ސޮއިކޮށްފައެވެ. އެގޮތުން މުދައްރިބުންނަށް ވަޢުދު ލައިދެއްވީ ސެންޓަރުގެ އޮފިޝިއޭޓިންގ ޗީފް އިންސްޓްރަކްޓަރ ކެޕްޓަން މުޙައްމަދު ޙުޝާމް މޫސާއެވެ. އަދި ބައިވެރިންނަށް އިޤްރާރު ލައިދެއްވުމުގެ ކަންކަން ކުރިއަށް ގެންދެވީ ކޮމާންޑިންގ އޮފިސަރ ލެފްޓިނެންޓް ކާނަލް އިބްރާހީމް ޝާހިދެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، ދިވެހި ޤައުމިއްޔަތު ދިރުވައި، އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ވަރަށް ބޮޑު އިސްކަމެއް ދީގެން ހިންގޭ ޤައުމީ ޙަރަކާތެކެވެ. މީގެ އަމާޒަކީ ދިވެހި ޒުވާނުންނަކީ ޤައުމީ ރޫޙު ހުރި، ޒިންމާދާރު އަދި މަސައްކަތުގެ މާޙައުލަށް އަހުލުވެރިވެފައިވާ ބަޔަކަށް ހެދުމެވެ.

