
މި ސަރުކާރުގެ ވެރިކަމުގައި 23,000އަށްވުރެ ގިނަ ވަޒީފާ އަލަށް އުފެއްދިއްޖެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ މަސައްކަތްތެރީންނާ ސީދާ ބައްދަލުކޮށް އެންމެ ގިނައިން އަޑުއެހި ސަރުކާރަކަށް މި ސަރުކާރު ވާނެއެވެ. ވަކީން ހާއްސަކޮށް ކުދިފަންތިއާއި މެދުފަންތީގެ ވިޔަފާރިތަކުން އެދެމުންދާތާ އެތައް އަހަރެއްވެފައި ހުރި ކަންކަމަށް ހައްލު ހޯދައިދީފައިވާ ކަމަށެވެ.
އަދި އެކި ސިނާއަތްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ފަހިކޮށްދެމުންދާ އެކި ކަންކަމާއެކު ރާއްޖޭގައި އިތުރަށް ވަޒީފާ އުފެދުމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
އެގޮތުން މި ސަރުކާރުގެ އުމުރުން ދެއަހަރާ ހަމަސް ވޭތުވާން ކައިރިވީއިރު، 23,000އަށްވުރެ ގިނަ ވަޒީފާ، ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގައި އަލަށް އުފެއްދިއްޖެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ދިވެހީންނަށް ނޫނީ ރާއްޖޭގައި ނުކުރެވޭނެ މަސައްކަތްތަކާއި އަދާ ނުކުރެވޭނެ ވަޒީފާތައް ވެސް މި ސަރުކާރުން ކަނޑައަޅާފައިވާ ކަމަށެވެ.
“ތާރީހުގައިވެސް ދިވެހި އުފެއްދުންތައް އެއްތަނަކުން އެންމެގިނައިން ފެންނަންހުރީ މިދިޔަ އަހަރު ބޭއްވި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒުގައެވެ. ފާހަގަކުރަމުންމިދާ ދިވެހި އުފެއްދުންތެރިކަމުގެ އަހަރާއެކު މިފަހަރުގެ މަޢުރަޒު އިރާދަކުރެއްވިއްޔާ އަދި މާ ކާމިޔާބުވާނެއެވެ”ރައީސް އިތުރަށް ވިދާޅުވިއެވެ.

