ދިވެހި އަސްކަރިއްޔާ ވަރުގަދަ ކުރުމަށް މި ސަރުކާރުން ކުރާ ހޭދަތަކަށް މަލާމާތް ކުރަނީ ގައުމީ ލޯބި ނެތް މީހުން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އަސްކަރީ ގޮތުން ގައުމު މިނިވަން ކުރުމަކީ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ވޭތުވެ ދިޔަ ތަނުގައި އަސްކަރިއްޔާ ވަރުގަދަ ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. ކޯސްޓްގާޑްގެ ހިދުމަތަށް ބެލި ނަމަވެސް، ފަޔާ އެންޑް ރެސްކިއު ސާވިސްގެ އިތުރުން ވައިގެ މަގުން ދިވެހި އިގުތިސޯދުގެ ހާއްސަ ސަރަހައްދު ބެލެހެއްޓުމަށް ވެސް ވަސީލަތްތައް ހޯދިފައި ނެތް ކަމަށެވެ.
“ހުރި ތަކެތި ވެސް ހުރީ ހަލާކުވެފަ. ބޭނުން ނުކުރެވޭ ވަރަށް ވީރާނާވެފައި. އެ ވަސީލަތްތަކާއި އުޅަނދުތައް ބަދަލުކުރަން ޖެހިފައި. އަދި އިތުރުކުރަން ވެސް ޖެހިފައި. ވޭތުވެ ދިޔަ ތަނުގައި އެ ކަން ނުކުރެވި ދިޔައީ ކީއްވެގެންތޯ އެއީ މިއަދު ކޮންމެ ރައްޔިތަކު ވެސް ޖަވާބު ހޯދަން ޖެހޭ ސުވާލެއް،” ރައީސް ވިދާޅުވި އެވެ.
ދިވެހި އަސްކަރިއްޔާއަށް ތުރުކީން މިސައިލު ފޮނުވޭ ކަނޑުގެ މަނަވަރެއްގެ އިތުރުން އެއްގަމު ބައެއް އަސްކަރީ އުޅަނދުތަކެއް ހޯދުމުން، އެއަށް ވުރެ މާ މުހިންމު ކަންކަން ހަރަދުކުރަން އެބަހުރި ކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކޮށްފައިވެ އެވެ.
އެ ޝުއޫރުތަކަށް ރައްދު ދެއްވަމުން ރައީސް މިރޭ ވިދާޅުވީ ދިވެހި އަސްކަރިއްޔާ ވަރުގަދަ ކުރުމަށް މަސައްކަތް ކުރުމަކީ ދިވެހިން ލަދުގަންނަން ޖެހޭ ކަމެއް ނޫން ކަމަށެވެ. އެއީ ދިވެހިން ފަހުރުވެރިވާން ޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
“މި ކަމުގައި ލަދު ގަންނަންޏާ އެ މީހެއްގެ އަމިއްލަ ނަފުސާ އެބަ ޖެހޭ ސުވާލުކުރަން. ގައުމީ ލޯބި އެބަ އޮތްތޯ؟ މި ކަމަށް މަލާމާތްކުރާ މީހުންނަކީ ގައުމިއްޔަތު ކަމެއް ނެތް، ގައުމީ ލޯބި ނެތް، މަވަތަ ކަމުން ގޮސް ސިޔާސީ ގޮތުން ގޮސް ގައުމަށް ކޮންމެ ކަމެއް ވިޔަސް ވަރިހަމަ ވިސްނުމުގެ މީހުން،” ރައީސް ވިދާޅުވި އެވެ.
“އެ ވިސްނުމުން ގައުމު ސަލާމަތް ކުރުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެ މައްޗަށް ވެސް މިއަދު އޮތް ވާޖިބެއް. އެ ރައްޔިތަކަށް ވީ ވަރަކުން އެ ވިސްނުމާ ދެކޮޅު ހެދުން،” ރައީސް ވިދާޅުވި އެވެ.