
ޤުދުރަތީ ތިމާވެއްޓާއެކު އޮންނަ ގުޅުމަކީ ބުރައެއްގެ ބަދަލުގައި ފުރުސަތެއްގެ ގޮތުގައި ބެލުމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. އަލީ ޝަރީފް ގޮވާލައްވައިފިއެވެ.
މިނިސްޓަރު އެފަދައިން ގޮވާލެއްވީ ތައިލެންޑުގެ ބެންކޮކްގައި ކުރިއަށްދާ ކޮމިޓީ އޮން އެންވަޔަރަންމަންޓް އެންޑް ޑިވެލޮޕްމަންޓްގެ ނުވަވަނަ ސެޝަންގެ ހަވާސާގައި ބޭއްވި “ބިޒްނަސް އެންޑް ބަޔޯޑައިވަރސިޓީ: ރީއިމޭޖިނިންގ ހިއުމަން-ނޭޗަރ ރިލޭޝަންޝިޕްސް އިން އޭޝިއާ އެންޑް ދަ ޕެސިފިކް”އިވެންޓުގައި ތަގުރީރުކުރައްވަމުންނެވެ.
އަލީ މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ދިރުންތަކުގެ މުއްސަނދިކަން ނުވަތަ ބަޔޯޑައިވަރސިޓީއަކީ ރާއްޖޭގެ އިޤްތިޞާދާއި، ސަގާފަތް އަދި ދިވެހިންގެ ދިރިއުޅުމުގެ އަސާސް އެވެ، ވަކިން ހާއްސަކޮށް ދެމެހެއްޓެނިވި މަސްވެރިކަމާއި، އިކޯ-ޓޫރިޒަމް އަދި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ހުރި ފުރުސަތުތައް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ގުދުރަތީ ތިމާވެއްޓާއެކު އޮންނަ ގުޅުމަކީ ބުރައެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، އެއީ ތަނަވަސްކަމާއި ކުރިއެރުމަށް އޮތް އެންމެ ބޮޑު ފުރުސަތު ކަމުގައި ބެލުމަށް މިނިސްޓަރު ގޮވާލެއްވިއެވެ. އަދި އެ ގުޅުން އައު ގޮތަކަށް ބައްޓަންކުރުމަށް ހުރިހާ ބައިވެރިންނާއެކު މަސައްކަތް ކުރަން ރާއްޖެއިން އޮތީ ތައްޔާރަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަދި މިންވަރަށްވުރެ އިތުރަށް މަސްވެރިކަން ކުރުމާއި، ގާ ހުދުވުމުގެ މައްސަލަތަކުގެ އިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން ފަރުތަކަށް ލިބޭ ގެއްލުންތަކުގެ ސަބަބުން ރާއްޖޭގެ ތިމާވެށި ނާޒުކު ފައްތަރެއްގައިވާ ކަމުގެ އިންޒާރު މިނިސްޓަރ ދެއްވިއެވެ. މިނިސްޓަރު ބަޔާންކުރެއްވި ގޮތުގައި، މިހާރުގެ ތަރައްގީގެ ބޭނުންތަކާއި ދިގު މުއްދަތުގެ ދެމެހެއްޓެނިވި އަމާޒުތަކާ ދެމެދު ހަމަހަމަކަން ގާއިމުކުރުމަށްޓަކައި، ވަރުގަދަ ބައިނަލްއަގުވާމީ ޕާޓްނާޝިޕްތަކާއި، މެދުނުކެނޑި ލިބޭ އެހީތެރިކަން އަދި އެކުލަވާލެވިފައިވާ ސިޔާސަތުތަކެއް ބޭނުންވެއެވެ.

