
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ހިންގަމުންގެންދާ ތަރައްޤީގެ މަޝްރޫޢުތައް މިހާރަށްވުރެ ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ވަޒީރުންގެ މަޖިލީހުގެ ޚާއްޞަ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފިއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ތަކެތި ހޯދުމުގައި ކުރިމަތިވި ދަތިތަކަށް މިހާރު ޙައްލު ހޯދިފައިވުމާ އެކު، މަޑުޖެހިފައިވާ މަސައްކަތްތައް އަލުން ފަށައި، ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކެބިނެޓުގެ މެންބަރުންނަށް އަންގަވާފައެވެ.
މި ބައްދަލުވުމުގެ ތެރެއިން، ރައީސްގެ ރިޔާސީ ވަޢުދުފުޅުތައް ތަންފީޒުވަމުންދާ މިންވަރާއި، ރަށްރަށުގައި ހިނގަމުންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ވަނީ ޙިއްޞާކުރައްވާފައެވެ. މީގެ އިތުރުން، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތްތައް ނިންމުމަށްޓަކައި ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތައް ގުޅިގެން އެއްބާރުލުން ދީގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވާފައެވެ.
ވަޒީރުންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި، މަޝްރޫޢުތައް ހިންގުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވެންހުރި ކަންކަމާމެދު ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރައްވާފައިވެއެވެ.

