
އިމާމް އައްނަވަވީގެ ސާޅީސް ޙަދީޘް ހިތުދަސްކުރުމަށް އަމާޒުކޮށްގެން، އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން އިންތިޒާމުކުރާ ޚާއްޞަ ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައިފިއެވެ.
ދެ މަސްދުވަހުގެ މުއްދަތަކަށް ދެމިގެންދާ ގޮތަށް ރާވާފައިވާ މި ހަރަކާތަކީ ޢުމުރުން ހަ އަހަރުން މަތީގެ ކޮންމެ ފަރާތަކަށް ވެސް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ މުބާރާތެކެވެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ހިނގާ މަހުގެ 30 ވާ އަންގާރަ ދުވަހުގެ ނިޔަލަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ.
ޙަދީޘް ހިތުދަސްކުރުމުގެ ޕްރޮގުރާމުގައި ބައިވެރިވުމަށް ހުޅުވާލުން!
އިމާމް އައްނަވަވީގެ 40 ޙަދީޘް (الأربعون النووية) ހިތުދަސްކުރުމަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ 6 އަހަރުން މަތީގެ ފަރާތްތަކަށް ޚާއްޞަކޮށްގެން 2 މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.… pic.twitter.com/3mECiniJTI
— Ministry of Islamic Affairs & Endowments (@MVIaffairs) June 20, 2026
މި ޕްރޮގްރާމުގައި ރަޖިސްޓަރީވުމަށްޓަކައި، އިސްލާމީ ވުޒާރާގެ ރަސްމީ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ޚާއްޞަ ލިންކު ބޭނުންކުރެވޭނެއެވެ. އަދި އޭގެ އިތުރުން، މިކަމަށްޓަކައި ތައްޔާރުކުރެވިފައިވާ އިޝްތިހާރުގައިވާ ކިއުއާރް ކޯޑު ސްކޭން ކޮށްގެންވެސް ފަސޭހަކަމާއެކު ބައިވެރިވުމުގެ ފޯމު ފުރޭނެ އިންތިޒާމު އެ ވުޒާރާއިން ވަނީ ހަމަޖައްސަވާފައެވެ.

