
ވ. އަތޮޅު އަލިމަތާ ކޭވްއަށް ޑައިވިނަށް ގޮސް އުޅެނިކޮށް ހިނގި ހިތާމަވެރި ހާދިސާއެއްގައި މަރުވި އިޓަލީވިލާތުގެ 4 ފަތުރުވެރިއެއްގެ ހަށިގަނޑު، އިތުރު ތަހުގީގުތަކާއި ޕޯސްޓްމޯޓަމް ހެދުމަށްޓަކައި އެ މީހުންގެ އަމިއްލަ ގައުމަށް ފޮނުވާލައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ‘އެމްއެމްޓީވީ’ އަށް ކަށަވަރުކޮށްދެއްވި ގޮތުގައި، މި ހަތަރު މީހުންގެ ހަށިގަނޑު އިޓަލީއަށް ފޮނުވާލުމުގެ ކަންކަން މިހާރު ވަނީ ނިމިފައެވެ. އަދި އެ ގައުމުގައި ޕޯސްޓްމޯޓަމްގެ ކަންތައްތައް ފުރިހަމަކުރުމަށް ފަހު، އެކަމުގެ ތަފްސީލީ ރިޕޯޓުތައް ދިވެހިރާއްޖޭގެ ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުމަށް ދެ ގައުމުގެ ދެމެދުގައި ވަނީ އެއްބަސްވެވިފައެވެ. މީގެ އިތުރުން، މި މައްސަލައިގެ ތަހުގީގު ރާއްޖެއާއި އިޓަލީން ވެސް ވަކިވަކިން އަންނަނީ ކުރިއަށް ގެންދަމުންނެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަލިމަތާ ކައިރީގައި އޮންނަ ހޮހަޅައަކަށް ފީނަން ދިޔަ އިޓަލީގެ ފަސް މީހެއްގެ ހަބަރެއް ނުވެގެން، އެ ދުވަހުގެ މެންދުރުފަހު 1:45 ހާއިރު ވަނީ ސަލާމަތީ ބާރުތަކަށް އަންގާފައެވެ. އޭގެ ތެރެއިން އެކަކުގެ ހަށިގަނޑު ހަމަ އެ ދުވަހުގެ އިރުއޮއްސުނު ވަގުތު، 60 މީޓަރު އަޑިން ވަނީ ހޯދާފައެވެ. އެމީހާގެ ހަށިގަނޑު މީގެ ކުރިން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ.
ގެއްލުނު މީހުން ހޯދުމަށް ދިވެހި ސިފައިން ހުކުރު އަދި ހޮނިހިރު ދުވަހު ބޮޑު އޮޕަރޭޝަނެއް ހިންގިއެވެ. ނަމަވެސް އެ މަސައްކަތުގެ ތެރޭގައި އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވުމާ ގުޅިގެން، ހޮނިހިރު ދުވަހުގެ މެންދުރުފަހު ވަނީ އެ އޮޕަރޭޝަން މެދުކަނޑާލާފައެވެ. އޭގެ ފަހުން އިޓަލީ ސަރުކާރުގެ އެދުމަކަށް ފިންލޭންޑުގެ ތިން ތަޖުރިބާކާރަކު ރާއްޖެ ގެނެސް، އަލުން ފެށި މަސައްކަތުން ބާކީ ތިބި ހަތަރު މީހުންގެ ހަށިގަނޑު ވަނީ ދެ ދުވަސް މަތިން ކަނޑު އަޑިން ނަގާފައެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން، މީހުން ސަލާމަތްކުރި ޓީމުން ވަނީ މުހިންމު އިލްތިމާސެއް ކޮށްފައެވެ. އެ ފަރާތުން ބުނެފައިވަނީ ވ. އަތޮޅު ދެކުނުގައި އޮންނަ އެ ހޮހަޅައަކީ އާދައިގެ ފީނުންތެރިންނަށް ނުރައްކާތެރި ތަނެއް ކަމަށާއި، ފުރިހަމަ ތަމްރީނާއި ހާއްސަ އާލާތްތަކާ ނުލައި އެފަދަ ތަންތަނަށް ނުފީނުމަށެވެ.

