
އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ މަގާމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް، އެ ޕާޓީގެ ގައުމީ މަޖިލީހުގައި ލޯކަލް ކައުންސިލަރުންނަށް ބަސްބުނުމުގެ ޙައްޤު ލިބޭނެ ފުރިހަމަ އިންތިޒާމެއް ހަމަޖައްސަވައިދެއްވާނެ ކަމަށް ވަޢުދުވެވަޑައިގެންފިއެވެ.
ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ކެމްޕޭން ޙަރަކާތްތަކުގެ ތެރެއިން ވާހަކަފުޅުދައްކަވަމުން މީކާއިލް ފާހަގަކުރެއްވި ގޮތުގައި، ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައި ރައްޔިތުން ތަމްސީލުކުރާ ކައުންސިލަރުންގެ އަޑު ޕާޓީގެ އެންމެ އިސް ގުނަވަނުގައި ސީދާ ގޮތެއްގައި އިވެންޖެހޭނެއެވެ. އަދި ޕާޓީގެ މުހިންމު ނިންމުންތައް ނިންމުމުގައި ކައުންސިލަރުންގެ ދައުރު މިހާރަށްވުރެ ފުޅާކުރުމަކީ ޕާޓީގެ ކުރިމަގަށް ނުހަނު ބޭނުންތެރި ކަމެއްކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.
ކުރިއަށް އޮތް ޗެއަރޕާސަން އިންތިޚާބުގައި މީކާއިލްއަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފުރިހަމަ ތާއީދު އޮތްކަން ވަނީ ހާމަވެފައެވެ. އެގޮތުން، މީކާއިލްގެ ކެމްޕޭން ޙަރަކާތްތަކުގެ އެންމެ ކުރީ ސަފުގައި ރައީސް ޞާލިޙުގެ އަރިސް ބޭފުޅުން ހިމެނޭ ވަރުގަދަ ޓީމަކުން ދަނީ ޙަރަކާތްތެރިވަމުންނެވެ. މީގެ އިތުރުން، ޕާޓީގެ އެތެރޭގެ ސިޔާސީ މަސްރަޙާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު މި ދަނޑިވަޅުގައި އިންތިޚާބުތަކުގައި ވާދަކުރެއްވުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ރައީސް ޞާލިޙު ވިދާޅުވެފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
މި ދަނޑިވަޅަކީ ސިޔާސީ ގޮތުން ވާދަވެރިކަން ބޮޑުވެފައިވާ ވަގުތަކަށް ވާއިރު، މީކާއިލް ވަނީ ސަރުކާރަށް ޖެއްސުންކުރުމުގެ ގޮތުން އޭނާ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެކަމަށް ވިދާޅުވެ، އެފަދަ ތުހުމަތުތައް ކުރާ ފަރާތްތަކަށް ރައްދުދެއްވާފައެވެ. އަދި އޭނާގެ އަމާޒަކީ ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާކޮށް، އާންމު މެންބަރުންނާއި ކައުންސިލަރުންގެ ބާރުވެރިކަން އިތުރުކުރުން ކަމުގައި ވަނީ ތަކުރާރުކުރައްވާފައެވެ.

