
ތެލެސީމިއާ ސެންޓަރުން ފަރުވާ ހޯދި ތިން ކުއްޖެއްގެ ގަޔަށް ކުނިވެފައިވާ ލޭ އެޅިކަމަށް ބުނެ ފަތުރަމުންދާ ޚަބަރުތައް ދޮގުކޮށް، ފްރީޒަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން އުސޫލުތަކާ ޚިލާފަށް އަމަލުކުރި މުވައްޒަފަކު ސަސްޕެންޑްކޮށް މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) އިން ކަން ހިނގާދިޔަގޮތް ސާފުކޮށްދީފިއެވެ.
އެ އިދާރާއިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުން، ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ފަދައިން ބަލިމީހުންނަށް ދީފައި ވަނީ ތަޣައްޔަރުވެ ނުވަތަ ހަލާކުވެފައިވާ ލެއެއް ނޫނެވެ. ނަމަވެސް، އެކަން ހިނގާފައި ވަނީ ލޭ ރައްކާކުރާ ފްރީޒަރެއްގެ ފިނިހޫނުމިނަށް އައި ބަދަލަކާ ގުޅިގެން ފުރިހަމަކުރަންޖެހޭ ކޮލިޓީ ކަށަވަރުކުރުމުގެ ތަޙުލީލުތައް ނުނިމެނީސް، އޭޕްރީލް މަހުގެ 20ވަނަ ދުވަހު ތެލެސީމިއާ ސެންޓަރަށް އައި ތިން މީހަކަށް ލޭ އެޅުމުގެ ސަބަބުންނެވެ. މިކަމުގައި އިހުމާލުވިކަން ފާހަގަކުރެވިގެން، މަޢުލޫމާތު ހިއްސާނުކުރި މުވައްޒަފު ވަނީ އޭޕްރީލް 23ވަނަ ދުވަހު ސަސްޕެންޑްކޮށްފައެވެ.
މި ހާދިސާ ހިނގާފައި ވަނީ އޭޕްރީލް 19ވަނަ ދުވަހުގެ ރޭ މަރުކަޒު ބަންދުކުރި ފަހުންނެވެ. އެރޭ 22:11 ހާއިރު ފްރީޒަރުގެ ފިނިހޫނުމިން މައްޗަށް ދިއުމުން އެލާމް އެޅުމާ އެކު، މުވައްޒަފުން ވަނީ ވަގުތުން ހަރަކާތްތެރިވެ، އޭގައި ހުރި 12 ޕެކެޓު ލޭ ރައްކާތެރި އެހެން ފްރީޒަރަކަށް ބަދަލުކޮށްފައެވެ. އާންމުކޮށް 2 އާއި 6 ޑިގްރީ ސެލްސިއަސްއާ ދެމެދު ބަހައްޓަންޖެހޭ މި ފްރީޒަރުގެ ފިނިހޫނުމިން އެވަގުތު ހުރީ 11 ޑިގްރީގައެވެ.
ސިއްޙީ މިންގަނޑުތަކަށް ރިއާޔަތްކޮށް އެމްބީއެސްއިން ބުނެފައި ވަނީ، 10 ޑިގްރީއަށްވުރެ މައްޗަށް ނުދާނަމަ ހަތަރު ގަޑިއިރު ވަންދެން ލޭ ރައްކާތެރިކަމާ އެކު ބޭނުންކުރެވޭނެ ކަމަށެވެ. އެރޭ މުވައްޒަފުން އެޓެންޑްވި ވަގުތާއި ލޮގްތަކަށް ބަލާއިރު އެއީ ކުނިވެފައިވާ ލޭ ކަމަށް ނުބެލެވޭނެކަން އެ އިދާރާއިން ޔަގީންކޮށްދެއެވެ. އެހެންނަމަވެސް، އެންމެ މަތީ ފެންވަރުގެ ކޮލިޓީ ހިފެހެއްޓުމުގެ ގޮތުން ފިނިހޫނުމިނާ މެދު ޝައްކު އުފެދޭ ހާލަތްތަކުގައި އެ ލެޔެއް ބޭނުމެއް ނުކުރެއެވެ.
ތިން ކުއްޖަކަށް ލޭ އެޅުނުކަން ސަމާލުކަމަށް އައުމާ އެކު، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޚާއްޞަ ޓީމަކުން މައްސަލަ ތަޙުޤީޤުކުރަން ފެށިއެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބާކީ ހުރި 9 ޕެކެޓު ނައްތާލައި، ބަލިމީހުންނަށް އައު ލޭ ވަނީ ހަމަޖައްސައިދީފައެވެ.
މި ހާދިސާއާ ގުޅިގެން ބްލަޑް ސާވިސަސްއިން ވަނީ ތެލެސީމިއާ ބަލިމީހުންގެ ވައިބާ ކޮމިއުނިޓީގައި މަޢާފަށް އެދި، ކަންބޮޑުވުންތައް ހައްލުކުރުމަށް އަސަރުކުރި އާއިލާތަކާ ބައްދަލުކޮށް ސައްޙަ މަޢުލޫމާތު ފޯރުކޮށްދީފައެވެ. އަދި ކުރިމަގުގައި މިފަދަ ކަމެއް ތަކުރާރު ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން ވެސް އެ އިދާރާއިން ވަނީ ދީފައެވެ.

