
ދައުލަތުގެ މުއައްސަސާތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރު މަތިކުރުމުގެ ޕްރޮގްރާމެއް ބާއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ޚާއްޞަ ތަމްރީނު ޕްރޮގްރާމްގެ ފަސްވަނަ ބައްދަލުވުން ބާއްވާފައި ވަނީ މިއަދު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މައި އޮޑިޓޯރިއަމްގައެވެ. ސަރުކާރުގެ އެކި ވުޒާރާތަކާއި އިދާރާތަކުން ގިނަ ޢަދަދެއްގެ އިސް މުވައްޒަފުން ބައިވެރިވި މި ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައި ވަނީ އޮފީސްތައް ހިންގުމުގެ ދާއިރާގައި ދިމާވާ އެކިއެކި ގޮންޖެހުންތަކާ ކާމިޔާބުކަމާ އެކު ކުރިމަތިލާނެ ގޮތްތަކުގެ މައްޗަށެވެ. މި މައުޟޫޢަށް ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދެއްވީ، އިޖުތިމާޢީ ޚިދުމަތާއި، ވިޔަފާރީގެ އިތުރުން ލީޑަރޝިޕް ތަމްރީނު ދިނުމުގެ ރޮނގުން 30 އަހަރަށްވުރެ ދިގު މުއްދަތެއްގެ ފުޅާ ތަޖުރިބާއެއް ހާސިލުކުރައްވާފައިވާ ކަމުވޮށިގެންވާ ބޭފުޅެއް ކަމަށްވާ މުޙައްމަދު ކަލީމެވެ.
“އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕުރޮގުރާމު 2025- 2027″ގެ ނަމުގައި ދެ އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން ހިންގާ މި ހަރަކާތަކީ ގިނަ އިދާރާތަކެއް ގުޅިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
އެގޮތުން މިއީ ރައީސް އޮފީހުގެ ޕޮލިޓިކަލް އެންޑް ޕާލިމެންޓަރީ އެފެއަރޒް އޮފީހުގެ ދަށުން ހިންގާ ޕޮލިޓިކަލް އެޕޮއިންޓީޒް ޕަރފޯމަންސް މެނޭޖްމަންޓް އެންޑް ކެޕޭސިޓީ ޑިވެލޮޕްމެންޓް ސެކްޝަނުން އިސްނަގައިގެން، ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް (ސީއެސްޓީއައި)އާ ގުޅިގެން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.

