
މުޖުތަމަޢުގެ ޙާލަތު ބަދަލުވަނީ މީސްތަކުންގެ އަމިއްލަ އަތްމަތިންކަން ފާހަގަކޮށް، ރަނގަޅު ގޮތަކަށް ކަންކަން އިޞްލާޙުކުރުމަށް މަސައްކަތްކުރާ ކޮންމެ ބަޔަކަށް މާތް ﷲގެ ފުރިހަމަ މަދަދާއި ތައުފީޤު ލިބިގެންދާނެކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.
“ހެޔޮ ކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުން” މި މައުޟޫޢުގެ މައްޗަށް ބިނާކޮށް މިއަދު ދިން ޚުޠުބާގައި އަލިއަޅުވައިލީ އިސްލާމްދީނުގެ މުހިންމު ބިންގާތަކުގެ މައްޗަށެވެ. އެގޮތުން، އެއްބަޔަކު އަނެއްބަޔަކަށް ހެޔޮ އަމަލުތަކަށް މަގުދައްކައި، ނުބައި އާދަތަކާ ދެކޮޅަށް ތެދުވުމަކީ ދީނުގެ އެންމެ މަތިވެރި އެއް އަސާސްކަމުގައި ބަޔާންކުރިއެވެ. އަދި ވެރިކަމުގެ ބާރު ލިބިފައިވާ ފަރާތްތަކުގެ އެންމެ ބޮޑު އެއް މަސްއޫލިއްޔަތަކީ ވެސް މިއީކަން ވަނީ ސާފުކޮށްދީފައެވެ.
ދިވެހީންނަކީ ޒަމާނުއްސުރެ އިސްލާމީ ހިދާޔަތުގައި، އެއްބައިވަންތަކަމާއި އޯގާތެރިކަމުގެ ރިވެތި ނަމޫނާއެއް ދައްކަމުން އައި ބައެއްކަން ފާހަގަކުރައްވަމުން، މިކަންކަން ދެމެހެއްޓުމުގެ މުހިންމުކަން ޚުޠުބާގައި ކިޔައިދިނެވެ. ނަމަވެސް، މިއަދުގެ އިޖުތިމާޢީ އަދި އަޚުލާޤީ ޙާލަތަށް ނަޒަރު ހިންގާއިރު، މީހުންގެ ފުރާނައާއި، މުދަލާއި، އަބުރާއި އިއްޒަތް ޙިމާޔަތްކުރުމަށް ޓަކައި ޚާއްޞަ ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން ވަނީ ހާމަކޮށްފައެވެ. މި މައްސަލަތަކަށް އޮތް ހައްލަކީ، ހެޔޮ ކަންކަމަށް ގޮވާލުމުގެ އިޖުތިމާޢީ ވާޖިބު އަދާކުރުންކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
ރަށެއްގެ ނުވަތަ ޤައުމެއްގެ ރައްޔިތުން މާތް ﷲގެ އެންގެވުންތަކަށް ބޯލަނބައި ކިޔަމަންތެރިވެއްޖެނަމަ، އެތަނަކަށް ތަނަވަސްކަމާއި ބަރަކާތް ލައްވާނެކަމުގެ އުފާވެރި ޚަބަރު ޚުޠުބާގައި ދެއްވިއެވެ. އޭގެ އިދިކޮޅަށް، ދުންޔަވީ އެދުންތަކުގެ ފަހަތުންގޮސް، ފިތުނަފަސާދަ އުފައްދައި އޭގެ ތެރެއަށް ވަންނަ މީހުންނަށް ހުރި ނުރައްކާތެރިކަމުގެ އިންޒާރު ވެސް ދިނެވެ. އަދި ފިތުނައިގެ އަލިފާންގަނޑު ރޯކޮށް އެއަށް ދަރުއަޅާ ބަޔަކަށް ނުވުމަށް ޚުޠުބާގައި ނަސޭހަތްތެރިވިއެވެ.
މީގެ އިތުރުން، އަމާން ސުލްޙަވެރި މުޖުތަމަޢެއް ބިނާކުރެވޭނީ ފަރުދީ ފެންވަރުގައި ކޮންމެ މީހަކު ވެސް ތިމާގެ ވާޖިބު އަދާކޮށްގެންކަމަށް ޚުޠުބާގައި ބާރުއެޅިއެވެ. އެގޮތުން، ދަރީންނަށް ހެޔޮ ތަރުބިއްޔަތު ދިނުމުގައި މައިންބަފައިންގެ ދައުރާއި، ދަރިވަރުންނަށް ރަނގަޅު ނަމޫނާއަކަށް ވުމުގައި މުދައްރިސުންގެ ދައުރުގެ މުހިންމުކަން ފާހަގަކޮށް، އެންމެން ގުޅިގެން ރަނގަޅު ޖީލެއް ބިނާކުރުމަށް ވަނީ ގޮވާލައްވައިފައެވެ.

