
މަސްތުވާތަކެއްޗާ އެކު ބ. މާޅޮހުން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބ. ދަރަވަންދޫ / މެޑޯޒް، މުޙައްމަދު ނިސާތު (41އ) ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ މާޅޮހުގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކޮށް ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާޅޮހު ފުލުހުން ހިންގި އޮޕަރޭޝަންގައި ކަމަށާއި މި މަހު 11ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި އެ ރަށު މަގުމަތިން އޭނާ ހުއްޓުވަން އުޅުމުން އަތުގައި އޮތް އެއްޗެއް އެއްލައިލުމުން އެ ނަގައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

