
މަތީ ދަރަޖަ ހާސިލުކުރާ ފަރާތްތަކުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އިނާމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޮގަސްޓު މަހުގެ 31ވަނަ ދުވަހެވެ. ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ހަމައެކަނި ރައީސް އޮފީހުގެ “ފޯމު ހުށަހެޅުން” ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ. މިއަހަރުގެ އިނާމުތައް ޙަވާލުކުރެއްވުމަށް ތާވަލުކުރެވިފައި ވަނީ، މިއަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބާއްވަވާ ރަސްމީ ޖަލްސާގައެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، މިއަދު ހުޅުއްވައިލައްވައިފި https://t.co/w8cMZhO3Wg pic.twitter.com/W0wkwdsFGu
— The President's Office (@presidencymv) July 12, 2026
މައިގަނޑު ހަތަރު ބަޔަކަށް ބަހާލައިގެން ދޭ މި ޝަރަފުވެރި އިނާމު ލިބޭނެ ގިންތިތަކުގެ ތެރޭގައި، މަތީ ތަޢުލީމާއި ތަމްރީނުގެ ރޮނގުން ފާހަގަކުރެވޭފަދަ ނަތީޖާއެއް ހޯދާ މީހުންނާއި، ބައިނަލްއަޤުވާމީ މުބާރާތްތަކާއި މައުރަޒުތަކުގައި ދިވެހިރާއްޖެ ތަމްސީލުކޮށް އެންމެ މަތީ ވަނަތައް ހާސިލުކުރާ ފަރާތްތައް ހިމެނެއެވެ. އޭގެ އިތުރުން، ޤައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ޙައްލުކުރުމަށް އައު އީޖާދުތައް ތަޢާރަފުކުރާ ފަރާތްތަކާއި މުހިންމު ޢިލްމީ ދިރާސާތައް ކުރާ ފަރާތްތަކަށް ވެސް މި އިނާމު ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
މީގެ ތެރެއިން ހަތަރުވަނަ ގިންތި ޚާއްޞަކޮށްފައި ވަނީ ޤައުމީ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރާ، އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ހުނަރުވެރި، އީޖާދީ ޒުވާނުންނަށެވެ. އަދި ތަޢުލީމީ ގިންތިން އިނާމު ލިބޭނީ ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށާއި، ލެވެލް 7، 8 އަދި 9ގެ ސަނަދުތަކުން އެންމެ މަތީ ދަރަޖައިގައި ފާސްވެ ކިޔަވައިދިން މަރުކަޒުގެ ފަރާތުން އެންމެ މަތީ ޝަރަފު ހާސިލުކޮށްފައިވާ ފަރާތްތަކަށެވެ.

