
ވިލިމާލޭގައި ބިނާކުރި ސިފައިންގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރްސީސީ)ގެ އައު އިމާރާތް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
ޖަޕާނު ސަރުކާރުގެ ފަންޑުގެ ދަށުން ތަރައްޤީކޮށްފައިވާ މި މަރުކަޒަކީ، ރާއްޖޭގެ ސަރަޙައްދުގައި ހިނގާ ކާރިސާތަކާއި ހާދިސާތަކަށް އިޖާބަދިނުމުގެ އެންމެހައި ކަންކަން އެއްތަނަކުން ވިލަރެސްކުރުމަށް ޤާއިމުކުރެވިފައިވާ މައި އިދާރާއެވެ. އަލަށް ހުޅުވި މި އިމާރާތުގެ ސަބަބުން ކޯސްޓްގާޑުގެ އޮޕަރޭޝަންތައް ފުޅާކުރެވި، ރައްޔިތުންނަށް ދެވޭ ރައްކާތެރިކަން އިތުރުވެގެންދާނެކަން އެމްއެންޑީއެފުން ފާހަގަކުރެއެވެ.
މި މަޝްރޫޢުގެ ބިންގާ 2022ވަނަ އަހަރުގެ ޖޫން މަހުގެ 23ވަނަ ދުވަހު އެޅި ނަމަވެސް، އެކި ސަބަބުތަކާހުރެ މަސައްކަތް މަޑުޖެހިފައި އޮތުމަށް ފަހު، އިމާރާތް ނިންމުން އަވަސްކުރެވިގެން ދިޔައީ ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެކަމަށް ދެއްވި ޚާއްޞަ އަހައްމިއްޔަތުކަމެއްގެ ތެރެއިންނެވެ. މިއީ ދިވެހި އަސްކަރިއްޔާގެ ކޯސްޓްގާޑުގެ ޤާބިލުކަން އިތުރުކުރުމަށް މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ނިންމެވި މުހިންމު މަސައްކަތެއްކަމަށް ސިފައިން ބުނެއެވެ.
ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ މި އިމާރާތުގައި، އޮޕަރޭޝަންތައް މޮނިޓަރކޮށް ކޮންޓްރޯލްކުރާނެ ޒަމާނީ އޮޕަރޭޝަންސް ރޫމެއްގެ އިތުރުން، އިންސާނީ ވަސީލަތް ތަރައްޤީކޮށް މުވައްޒަފުން ތަމްރީނުކުރުމަށް ބޭނުންވާ ކްލާސްރޫމްތަކާއި ބޮޑު އޮޑިޓޯރިއަމެއް ހިމެނެއެވެ. މި މަރުކަޒުގެ މަސައްކަތްތައް ވިލަރެސްކޮށް އިންތިޒާމުކުރުމުގައި އދ.ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)ގެ ޚާއްޞަ އެހީތެރިކަން ލިބިފައިވާއިރު، މަރުކަޒަށް ބޭނުންވާ ފަންނީ އާލާތްތަކާއި ވަސީލަތްތައް ފޯރުކޮށްދީފައި ވަނީ އޮސްޓްރޭލިއާ ސަރުކާރުންނެވެ.
ރާއްޖޭގައި ސަރޗް އެންޑް ރެސްކިއުގެ ޚިދުމަތް އެންމެ ފުރަތަމަ ފެށިގެން އައީ 2006ވަނަ އަހަރުގެ ޖަނަވަރީ މަހު ވިލިމާލޭގައި ހުޅުވި “ޖީއެމްޑީއެސްއެސް” އޮޕަރޭޝަން ސެންޓަރާއެކުގައެވެ. އޭގެ ފަހުން، އެކި ދިމާދިމާލުން ކުރަމުން އައި މަސައްކަތްތައް އެއްކޮށްލުމަށްޓަކައި 2012 ޖުލައި 27ގައި އެ ތަނުގެ ނަން “މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު”އަށް ވަނީ ބަދަލުކޮށްފައެވެ. އެމްއެންޑީއެފްގެ ތަފާސްހިސާބުތައް ދައްކާގޮތުން، ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި އެ މަރުކަޒަށް 3،713 ހާދިސާއެއް ރިޕޯޓުކުރެވިފައިވާއިރު، އެކިއެކި އޮޕަރޭޝަންތަކުގައި 8،359 މީހެއްގެ ފުރާނައާއި ގިނަ އަދަދެއްގެ އުޅަނދުފަހަރާއި މުދާ ވަނީ ސަލާމަތްކޮށްދީފައެވެ.

