
އެލްޖީއޭގެ ރައީސްކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު އައްޔަނުކުރައްވައިފިއެވެ.
ލާމަރުކަޒީ ގާނޫނު ބުނާގޮތުން އެލްޖީއޭގެ ރައީސަކަށް އަބަދުވެސް ހުންނަވާނީ އެލްޖީއޭގެ މަސައްކަތްތަކާ ބެހޭގޮތުން ޖަވާބުދާރީވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ވަޒީރެވެ، އޭގެ ދަށުން ކުރިން އެލްޖީއޭގެ ރައީސްއެއްގެ ގޮތުގައި ހުންނެވީ ލޯކަލް ގަވާމަންޓް މިނިސްޓަރެވެ.
ނަމަވެސް ލޯކަލް ގަވާމަންޓް މިނިސްޓްރީ އުވާލިފަހުން އެލްޖީއޭގެ މަސައްކަތްތަކާ ބެހޭގޮތުން ޖަވާބުދާރީވެ ވަޑައިގަތުމަށް ކަނޑައަޅުއްވާފައި ހުންނަވަނީ ފިނޭންސް މިނިސްޓަރެވެ.އެއާއެކު އެންމެ ފަހުން އެލްޖީއޭގެ ރައީސްގެ މަގާމުގައި ހުންނެވީ ފިނޭންސް މިނިސްޓަރުކަން ކުރެއްވި މޫސާ ޒަމީރުއެވެ.
ނަމަވެސް މިދިޔަ ހޯމަ ދުވަހު ޒަމީރު މަގާމުން އިސްތިއުފާ ދެއްވުމުން ފިނޭންސް މިނިސްޓަރުގެ މަގާމަށް ހަމަ އެ ދުވަހު ހަސަން ޒަރީރު އޮތީ އައްޔަނުކުރައްވައިފައެވެ.
އެލްޖީއޭއިން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ޒަމީރުގެ ބަދަލުގައި އާ ފިނޭންސް މިނިސްޓަރު ޒަރީރު އެލްޖީއޭގެ ރައީސްއަށް ހަމަަޖައްސާފައިވާ ކަމަށެވެ.
އަދި އެ ޕޯސްޓުގައި ވަނީ ޒަރީރު އަށް މަރުހަބާ ކިޔައިފައެވެ.

