
ދިވެހިރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށްޓަކައި، މިހާރު ހިނގަމުންދާ ސަރުކާރުގެ ފުރަތަމަ ދެ އަހަރު ދުވަސް ހޭދަކުރަން ޖެހުނީ، ކުރީގެ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ސަރުކާރުން ނަގާފައިވާ ބޮޑެތި ލޯނުތައް ދެއްކުމުގެ މަސައްކަތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިފަދައިން ވިދާޅުވީ، ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ލޯކަލް ކައުންސިލް އިންތިޚާބުގައި ހއ. ފިއްލަދޫގެ ހުރިހާ ގޮނޑިއެއް ސަރުކާރަށް ލިބުމުގެ އުފާ ފާޅުކުރުމަށް ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ދައުލަތުގެ މާލީ ނިޒާމު ހަމަމަގަށް އެޅުވުމަށް މި ސަރުކާރުން އުފުލަންޖެހުނު އެންމެ ބޮޑު ބުރައަކީ ނިމިދިޔަ ފަސް އަހަރުގެ ތެރޭގައި އެއްވެސް ޕްލޭނެއް ނެތި ނަގާފައިވާ ދަރަނިތައް އަދާކުރުމެވެ.
މީގެ އިތުރުން، ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި، އިޤްތިޞާދީ ގޮތުން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރަމުންދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ދަތިތަކުން ސަލާމަތްވެ، ރައްޔިތުންނަށް އޭގެ ލާބަޔާއި މަންފާ ފެނިގެންދާނެކަމުގެ ޔަޤީންކަން ޝުޖާއު ވަނީ ދެއްވާފައެވެ.

