
އުދަ އަރާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން މިއަދު ހަވީރު 6:00 އާއި ހަމައަށް ނެރެފައިވާ މޫސުމީ އެޑްވައިޒަރީގައި ވާގޮތުން، ރާއްޖޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށާއި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، އަދި އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.
މެޓް އޮފީހުން އިތުރަށް ލަފާކޮށްފައިވާ ގޮތުގައި:
- ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ކަނޑު ގަދަވާނެ
- ރާޅުގެ އުސްމިން ހުންނާނީ ދެ ފޫޓާއި ފަސް ފޫޓާ ދެމެދު
- ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވޭ
އިއްޔެ ވެސް މާލޭގެ ބައެއް ސަރަހައްދުތަކަށް ވަނީ އުދަ އަރައި ފެންބޮޑުވެފައިވެއެވެ. މި ދުވަސްވަރަކީ ޗުއްޓީ ނިންމާފައި އެކި ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެ އޮފީހުން އިލްތިމާސްކުރެއެވެ.

