
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަލަށް އެކުލަވާލި ބޭހާ ބެހޭ ޤަވާއިދުގެ ދަށުން، އަންނަ އޮކްޓޫބަރު މަހުގެ 22އިން ފެށިގެން އެ އޮތޯރިޓީގެ ޚާއްޞަ ހުއްދައެއް ނެތި އާންމު ފިހާރަތަކުންނާއި އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ބޭހުގެ އެއްވެސް ބާވަތެއް ވިއްކުން މަނާކޮށްފިއެވެ.
ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނަށް ބިނާކޮށް ގެޒެޓުކޮށްފައިވާ މި އައު އުސޫލު ބުނާގޮތުން، ބޭހުގެ ގޮތުގައި ގިންތިކުރެވޭ އެއްވެސް އެއްޗެއް ދެން އާންމު ފިހާރަތަކުގައި ވިއްކޭނީ އެމްއެފްޑީއޭގެ ރުހުން ހޯދައިގެންނެވެ. މީގެ ކުރިން ހުމާއި ރޯގާއަށް ބޭނުންކުރާ އާދައިގެ ބޭސްތައް ފިހާރަތަކުން ފަސޭހައިން ލިބެން ހުރި ނަމަވެސް، ދެން ޑޮކްޓަރުގެ ސިޓީއަކާ ނުލައި ދޫކުރާ އޯވަދަ ކައުންޓަރ ބޭސްތައް ވެސް ވިއްކޭނީ ޚާއްޞަ ހުއްދައެއްގެ ދަށުންނެވެ. ހަމައެއާ އެކު، އިންޓަނެޓް މެދުވެރިކޮށް ބޭސް ވިއްކުމާއި ޑެލިވަރީކުރުމުގެ ފުރުޞަތު ވެސް އޮންނާނީ ހަމައެކަނި އެކަމަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި އޮންލައިންކޮށް ވިއްކޭނީ ވެސް ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ އޮންނަ، ޕްރިސްކްރިޕްޝަނަކާ ނުލައި ދޫކުރެވޭ ބޭސްތައް އެކަންޏެވެ.
މި ޤަވާއިދުގައި ބޭސް ފިހާރަތައް ހިންގުމާއި ގުދަންކުރުމުގެ ހަރުދަނާ މިންގަނޑުތަކެއް ވަނީ ތަޢާރަފުކޮށްފައެވެ. އެގޮތުން، ފާމަސީތައް ވަނީ ޞިއްޙީ މަރުކަޒުތަކުގެ އެތެރޭގައި ހުންނަ ތަންތަނާއި ވަކިން ހުންނަ ތަންތަނުގެ ގޮތުގައި ދެ ބަޔަކަށް ގިންތިކޮށްފައެވެ. ބޭސް ވިއްކުމުގެ ލައިސަންސް ތިން އަހަރު ދުވަހުގެ މުއްދަތަކަށް ދޫކުރާއިރު، ވެކްސިން ފަދަ ބަޔޮލޮޖިކަލްސް ބަހައްޓާނަމަ އެކަން ލިޔުމަކުން އެމްއެފްޑީއޭއަށް އަންގަން ޖެހޭނެއެވެ. އަދި ބޭސް ވިއްކުން މެދުކަނޑާލާނަމަ ނުވަތަ ފިހާރައަށް ބަދަލެއް ގެންނަނަމަ ވެސް އޮތޯރިޓީއަށް އެންގުން ވަނީ ލާޒިމުކޮށްފައެވެ.
މީގެ އިތުރުން، ޚިދުމަތްދޭން ތިބޭ ފާމަސިސްޓުންގެ އަތުގައި އެމްއެފްޑީއޭއިން ދޫކުރާ “ފާމަސިސްޓް ކާޑު” އޮތުމަކީ މަޖުބޫރު ކަމެކެވެ. ބިދޭސީ ފާމަސިސްޓުން މަސައްކަތްކުރާނަމަ ދިވެހި ބަސް އެނގޭކަމުގެ ލިޔުމެއް އޮންނަންޖެހޭނެ ކަމަށާއި، އެ ލިޔުން ނެތް ހާލަތެއްގައި ތަރުޖަމާކޮށްދޭނެ މީހަކު ފިހާރައިގައި ބެހެއްޓުމަށް ވަނީ އަންގާފައެވެ.
އައު ޤަވާއިދުގެ ތެރެއިން ބޭސް ސިޓީ ލިޔުމުގެ މިންގަނޑުތަކާއި ބޭސް ޕެކެޓުތަކުގައި ލޭބަލް ހަރުކުރުމުގެ ނަމޫނާތައް ވެސް ވަނީ ތަފްޞީލުކޮށްދީފައެވެ. މި ޤަވާއިދުގައިވާ އެއްވެސް މާއްދާއަކާ ޚިލާފުވާ ފަރާތްތަކަށް، ކުށުގެ ކުޑަބޮޑުމިނަށް ރިޢާޔަތްކޮށް 10،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު އެމްއެފްޑީއޭއަށް ވަނީ ދީފައެވެ.

