
އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް ރަހުމްކުޑަ ގޮތަކަށް މަރާލިކަން ޝަރީއަތަށް ސާބިތުވުމާ ގުޅިގެން، އޭނާގެ ފިރިމީހާ މާވިން އެސްވައިގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް މިއަދު ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.
މި މައްސަލައިގައި ދައުލަތުން އެދުނު ގޮތަށް މާވިންއަށް އެންމެ ހަރުކަށި އަދަބު ދީފައިވާއިރު، އޭނާގެ ލޯބިވެރިޔާ އަދި މޭރީ މެރުމުގައި ބައިވެރިވި ދިވެހި ނަރުސް ހަލީމަތު ލަމްހާ އަބްދުއްރަހްމާންގެ މައްޗަށް ވެސް ކުށް ސާބިތުވާކަމަށް ނިންމައި، މިއަދު އަދަބު ކަނޑައެޅުމަށް ވަނީ ތާވަލުކޮށްފައެވެ. ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލުން ފާހަގަކުރެއްވި ގޮތުގައި، އަމިއްލަ އަނބިމީހާ އަދި ދަރިފުޅުގެ މަންމަގެ ފުރާނަ ދުއްވާލުމުގައި މާވިންގެ ފުށުން އެއްވެސް ކުލުނެއް ފެނިފައެއް ނުވެއެވެ. އަދި އަދަބާ ގުޅޭގޮތުން ވާހަކަދެއްކުމަށް ކޯޓުން އެރުވި ފުރުސަތުގައި ވެސް އޭނާ ވަނީ އިތުރަށް އެއްވެސް އެއްޗެއް ބުނަން ބޭނުންނުވާކަމަށް ހާމަކޮށްފައެވެ.
މޭރީ މަރާލާފައި ވަނީ 2021ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ދައުލަތުން ކޯޓުގައި ސާބިތުކޮށްދިން ގޮތުގައި، މި އަނިޔާވެރި އަމަލު ހިންގުމުގެ މައިގަނޑު ސަބަބަކީ މާވިންއާއި ލަމްހާގެ މެދުގައި އޮތް ސިއްރު ލޯބީގެ ގުޅުމުގެ ސަބަބުން އުފެދުނު ދެބަސްވުންތަކެވެ. އެންމެ ފުރަތަމަ މޭރީގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ އޭނާ އަމިއްލައަށް ދަންޖެހިފައިވާކަމަށް ބުނެއެވެ. ނަމަވެސް އެ މަރުގައި ޝައްކުކުރެވޭ ކަންތައްތަކެއް ފާހަގަކުރެވިގެން މާވިން ހައްޔަރުކުރީ އެ އަހަރުގެ އޮކްޓޯބަރު 27ގައެވެ. އަދި އޭގެ ފަހުން ޑިސެމްބަރު މަހުގެ ތެރޭގައި ލަމްހާ ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މާވިންގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގެ ދައުވާ ސާބިތުވިއިރު، ލަމްހާގެ މައްޗަށް ސާބިތުވީ މީހަކު މެރުމުގައި ބައިވެރިވުމާއި، ހުއްދަ ނެތި މީހެއްގެ މުދަލެއް ބޭނުންކުރުމުގެ އިތުރުން ހުއްދަ ހޯދައިގެން ކުރަންޖެހޭ ކަމެއް އެނޫން ގޮތަކަށް ކުރުމުގެ ކުށެވެ.
މި މައްސަލައިގެ ތަހުގީގަށާއި ޝަރީއަތަށް ޖަލުގައި ބަންދުކޮށްފައި ހުރި ދުވަސްވަރުގެ ތެރޭގައި މާވިން ވަނީ އިސްލާމްދީން ގަބޫލުކޮށް، އޭނާގެ ނަން ‘ޔޫސުފް’ އަށް ބަދަލުކޮށްފައެވެ. މިކަން އޭނާގެ ފަރާތުން ކަމާ ބެހޭ އިދާރާތަކަށް ކުރިން އަންގާފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.

