
މުޖުތަމަޢުގެ އެންމެހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކޮށްގެން މެނުވީ ކުޑަކުދިންނަށް އަމާން އަދި ރައްކާތެރި މާޙައުލެއް ކަށަވަރު ނުކޮށްދެވޭނެ ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
ޤައުމީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި މީރުމާގައި ފެށި “މަޝްވަރާ އޮން ޗައިލްޑް ރައިޓްސް” ޕްރޮގްރާމް ހުޅުވުމުގެ ޚާއްޞަ ޙަފުލާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. މި ރަސްމިއްޔާތުގެ ތެރެއިން އެކަމަނާ ވަނީ ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ މަޢުލޫމާތުތައް ހިމެނޭ “އަމާނާތް” ނަމަކަށް ކިޔާ އައު މަޖައްލާއެއް ވެސް ނެރެދެއްވާފައެވެ.
މި ޙަރަކާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން ވަޒީރު ޤީލާ ޢަލީ ވަނީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ދައުލަތުން މިހާތަނަށް ކޮށްފައިވާ މުހިންމު މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެކަމަނާ ފާހަގަކުރެއްވި ގޮތުގައި، ކަމާގުޅޭ ޤާނޫނުތައް އިތުރަށް ހަރުދަނާކުރުމާއި، ކުދިންނަށް ފެންވަރު ރަނގަޅު ތަޢުލީމީ ފުރުޞަތުތައް ފަހިކޮށްދިނުމުގެ އިތުރުން، އާންމުން ހޭލުންތެރިކުރުމަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދިފައެވެ. ހަމައެހެންމެ، ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤުވާމީ މުޢާހަދާ ތަސްދީޤުކޮށްފައިވާ ޤައުމުތަކުގެ ސަފުގައި ރާއްޖެ ހިމެނިގެން ދިޔުމަކީ ލިބޭ ވަރަށް ބޮޑު ފަޚުރެއްކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.
ކުރިން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ކުރިމަގުގައި ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ދާއިރާތައް ވަރަށް ސާފުކޮށް ދެނެގަނެވިފައިވާކަން ބަޔާންކުރައްވަމުން، އިޖުތިމާޢީ އަދި ނަފްސާނީ ގޮތުން މުޖުތަމަޢުގެ ޙާލަތު ރަނގަޅުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާކަން އެކަމަނާ ހާމަކުރެއްވިއެވެ. ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން އިސްނަގައިގެން ފެށި “މަޝްވަރާ އޮން ޗައިލްޑް ރައިޓްސް” ޕްރޮގްރާމަކީ ކުޑަކުދިންނަށް ދިމާވާ އެކިއެކި ގޮންޖެހުންތަކާމެދު ޚިޔާލު ބަދަލުކޮށް، އެކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާމެދު ކަމާބެހޭ ފަރާތްތަކުގެ މެދުގައި މަޝްވަރާކުރުމަށް އަމާޒުކޮށްގެން ބޭއްވޭ މުހިންމު ޙަރަކާތެކެވެ.

