
ރާއްޖޭގައި ކުށްކުރާ އަދި ކުށުގެ ޝިކާރައަކަށްވާ އަންހެނުންގެ އަދަދު ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުންދާތީ، ދިވެހި ފުލުހުންގެ މުއައްސަސާގައި ކަނބަލުން އަދާކުރާ ދައުރު މިހާރަށްވުރެ ފުޅާކުރުމަށް ނިންމާފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސީޕީ މިކަން ހާމަކުރެއްވީ “މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީ” ގެ ތިންވަނަ ދައުރު ފެށުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން، ކޮންމެ ދާއިރާއަކުން ވެސް ފުލުހުންގެ ހިދުމަތުގައި ހަރަކާތްތެރިވާ އަންހެން އޮފިސަރުންގެ ކެރުމާއި ހުނަރުވެރިކަން ސާބިތުކޮށްދެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
އަންހެނުންނާއި ކުޑަކުދިންނާ ގުޅުންހުރި ނާޒުކު މައްސަލަތައް ތަހުގީގުކުރުމުގައާއި މުޖުތަމައުގެ އިތުބާރު ހޯދުމުގައި އަންހެން ފުލުހުންނަކީ މުހިންމު ދައުރެއް އަދާކުރާ ބައެއްކަން ފާހަގަކުރައްވައި، ސީޕީ ވިދާޅުވީ އެ އޮފިސަރުންގެ ކިބައިގައި ހުންނަ އޯގާތެރިކަމާއި ވިސްނުންތެރިކަމަކީ ފުލުހުންގެ މަސައްކަތްތަކަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މުއައްސަސާގެ އަމާޒަކީ ތަފާތުކުރުމެއް ނެތް މާހައުލެއް ބިނާކުރުންކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައި ފުލުހުންގެ އިސް ސަފުން ކަނބަލުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ސީޕީ ދެއްވިއެވެ.
މި ހަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެ ކޮމިޓީގެ ރަސްމީ ލޯގޯ އާއި ނިމިދިޔަ ދައުރުގެ މަސައްކަތްތައް ހިމެނޭ ފޮތް ނެރެދެއްވާފައެވެ. އޭގެ އިތުރުން، ކުރީގެ އަދި މިހާރުގެ ކޮމިޓީ މެމްބަރުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ވެސް އެކަމަނާއެވެ.

