
ލޯކަލް ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް މި އަހަރު ކަނޑައަޅާފައިވާ ފައިސާގެ ތެރެއިން މިހާތަނަށް 1.25 ބިލިއަން ރުފިޔާ ދޫކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުން ދައްކާ ގޮތުގައި، އަހަރުގެ މިހާތަނަށް ކައުންސިލް ގްރާންޓުގެ ގޮތުގައި 1.25 ބިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، އޭއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 16.8 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރާންޓުގެ ގޮތުގައި ކައުންސިލުތަކަށް ދޫކޮށްފައި ވަނީ 1.07 ބިލިޔަން ރުފިޔާ ކަމަށް ރިޕޯޓްގައިވެއެވެ.
އެ މިނިސްޓްރީން ފާހަގަކުރި ގޮތުގައި މިދިޔަ އަހަރަށްވުރެ މި މުއްދަތުގައި ދޫކުރި ފައިސާ މި އަހަރު އިތުރުވި ސަބަބަކީ ރާއްޖޭގެ ތާރީހުގައި ވެސް ކައުންސިލްތަކަށް އެންމެ ބޮޑު ބްލޮކް ގްރާންޓެއް ދިނުމަށް ބަޖެޓްކުރީ މި އަހަރު ކަމަށް ވާތީއެވެ. އެ ގޮތުން މި އަހަރު ޖުމުލަ 2.47 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.
މި އަހަރު ވަކިވަކި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ލިބޭ ބްލޮކް ގްރާންޓް ވެސް ބޮޑުވާނެ ކަން ފިނޭންސް މިނިސްޓްރީން ފާހަގަކުރެއެވެ. އެއީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހަކުން އަތޮޅު ކައުންސިލްތައް އުވާލާފައިވާތީ، އަތޮޅު ކައުންސިލަށް އޮންނަ ބްލޮކް ގްރާންޓް އެ އަތޮޅެއްގެ ހިމެނޭ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ބަހާލުމަށް ހަމަޖެހިފައިވާތީއެވެ.
ކައުންސިލުތަކަށް ފައިސާ ދޫކުރުމުގައި އެންމެ ބޮޑު އަދަދެއް ލިބެނީ ވެސް ސިޓީ ކައުންސިލުތަކަށެވެ. މީގެ ތެރެއިން ވެސް އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައި ވަނީ، މާލޭ ސިޓީ ކައުންސިލަށެވެ. 2020ވަނަ އަހަރުން ފެށިގެން ކައުންސިލުތަކަށް ފައިސާ ދޫކުރަނީ، ދައުލަތުގެ އާމްދަނީއަށް ބިނާކޮށް ކަނޑައަޅާ ފިސްކަލް ފޯމިއުލާއެއްގެ ދަށުން ‘ބްލޮކް ގްރާންޓް’ގެ ގޮތުގައެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް ގެނައި ބަދަލުގެތެރެއިން މިހާރު އެލްޖީއޭގެ ރިޔާސަތު ވެސް ބަލަހައްޓަ ވަނީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ.

