
ދިވެހިރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަނބުރާ ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިފަދައިން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ޝިޔާމް ވިދާޅުވީ މިދިޔަ ސަރުކާރުން “ދިވެހި ކަނޑުން ބައެއް ވިއްކާލާފައި ވަނީ” ދިވެހި ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހުގައި އެއްވެސް ޚިޔާލެއް ހޯދާފައި ނުވެއެވެ. އަދި އެ ގެއްލުނު ބައި އަނބުރާ ހޯދުމުގެ މަސައްކަތް މި ސަރުކާރުން ފުރަތަމަ ދުވަހުންފެށިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ ސިޔާދަތާއި އިގްތިސާދާއި ގުޅުންހުރި މިފަދަ ބޮޑު ކަމެއް އެ ގޮތަށް ކުރުމަކީ ގައުމަށް ވެވުނު ގައްދާރުވުމެއް ގޮތުގައި ސިފަކުރައްކުރައްވައި މިނިސްޓަރު ވިދާޅުވީ އެއްފަހަރު ދޫކޮށްލެވޭ ބައެއް އަނބުރާ ހޯދުމަކީ އެއް ދުވަހުން ނުވަތަ ދެ ދުވަހުން ކުރެވޭނެހާ ފަސޭހަކަމެއް ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ.
“ގެއްލިގެން ދިޔަ ސަރަހައްދަކީ މަސް ބްރީޑްކުރުމަށް ޚާއްޞަ ސަރަހައްދެއް. މަސްވެރިންނަށް ވެސް ވަރަށް ބޮޑު ދެރައަކާއި ގެއްލުމެއް ލިބިގެން ގޮސްފައިވޭ. އެހެންކަމުން މިއީ އާދައިގެ މައްސަލައެއް ނޫން.” ޝިޔާމް ވިދާޅުވިއެވެ.
ޗާގޯސް ޖަޒީރާގެ ރަށްތަކަކީ މޮރިޝަސްގެ ބައެއް ކަމާއި ރާއްޖޭގެ ދެކުނު ކަނޑުގެ ސަރަހައްދާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ ދެމެދު އިޓްލޮސް އިން ކަނޑައެޅި ގޮތުން ކުރިން ރާއްޖޭގެ ސަރަހައްދުގެ ގޮތުގައި ހިމެނޭ 45،331 އަކަ ކިލޯމީޓަރު ވަނީ މޮރިޝަސްއަށް ލިބިފައެވެ. މި ނިންމުން އިޓްލޮސްގައި މުރާޖާކޮށް އެ ބައި އަނބުރާ ރާއްޖެއަށް ހޯދުމަކީ ރައީސް ޑރ. މުހައްމަދުގެ ރިޔާސީ ވައުދެކެވެ.

