
މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމަށް އެމްޑީޕީގެ އެއްވެސް ވެރިކަމެއްގައި އައު ބިމެއް ހިއްކާފައިނުވާކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މުސްތަފާ ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އިޖުތިމާޢީ ގިނަ މައްސަލަތަކެއްގެ ފެށުމަކީ ބޯހިޔާވަހިކަން ނެތުމެވެ. އެކަމަށް ދާއިމީ ފަރުވާއެއް ހޯއްދަވައިދެއްވުމަށް ރައީސް މުޢިއްޒު ވަރަށް ބޮޑަށް އިސްކަންދެއްވައިގެން މަސައްކަތްޕުޅު ކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން މެންބަރު ތުހުމަތުކުރެއްވީ، ކުރީގެ ރައީސް މައުމޫނާއި ރައީސް ޔާމީންގެ ވެރިކަމުގައި ހިއްކަވާފައިވާ ބިންތައް ފިޔަވައި، އަމިއްލަ އިސްނެގުމަކަށް އެމްޑީޕީގެ ދެ ދައުރުގައި ވެސް ހައުސިންގ މަޝްރޫޢަކަށް ކުޑަވެސް ބިމެއް އިތުރުކޮށްފައި ނުވާކަމަށެވެ. އެގޮތުން އެ ޕާޓީގެ ވެރިކަންތަކުގައި ކޮށްފައިވާ ކަމަކީ ކުރީގެ ސަރުކާރުތަކުން ތަރައްޤީކޮށްފައިވާ ބިންތައް ބަހައި ހުސްކޮށްލުންކަމަށް ވިދާޅުވިއެވެ.
މި ސަރުކާރުގެ މަސައްކަތްތަކަށް އެކި ގޮންޖެހުންތައް ކުރިމަތިވިކަން ފާހަގަކުރައްވަމުން މުސްތަފާ ވިދާޅުވީ، ވެރިކަމުގެ ފުރަތަމަ އަހަރު ނިމިގެންދިޔައީ އެމްޑީޕީގެ މެޖޯރިޓީ އޮތް 19ވަނަ މަޖިލީހުން ބަޖެޓު ހިފަހައްޓައި ރަސްމާލެ މަޝްރޫޢަށް ހުރަސްއެޅުމުގެ ސަބަބުން ކަމަށެވެ. އެފަދަ ދަތިތަކާ އެކު ވެސް، ބޯހިޔާވަހިކަމަށް ބޭނުންވާ ބިން އުފެއްދުމުގެ ގޮތުން ހުޅުމާލޭގެ ތިންވަނަ ފިޔަވައްސާއި، ގުޅީފަޅާއި، ގިރާވަރުފަޅުގެ އިތުރުން އުތުރުތިލަފަޅާއި ބޮޑު ރަސްމާލެ ހިއްކުމުގެ އަމަލީ މަސައްކަތް މި ސަރުކާރުން ހަލުވިކަމާ އެކު ކުރިއަށްގެންދާކަން އޭނާ ހާމަކުރެއްވިއެވެ.
ވާހަކަ ނިންމަވާލައްވަމުން މުސްތަފާ ޔަޤީންކަން ދެއްވީ، މިހާރު ފެށިފައިވާ ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫޢުތައް މި ރިޔާސީ ދައުރުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. އަދި ހައްގުވެރިންނަށް އެ ތަންތަނަށް ވަދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށާއި، މިއީ ތާރީޚުގައިވެސް އެއް ދައުރެއްގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ފަށައި، ނިންމައި ހަވާލުކުރާނެ ފުރަތަމަ ސަރުކާރަށް ވެގެންދާނެކަމާމެދު އެއްވެސް ޝައްކެއް ނެތްކަމަށް މެންބަރު ވިދާޅުވިއެވެ.

